ފަސްޓްލޭޑީ ސާޖިދާ އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ހެލްތު މިނިސްޓްރީ އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން ގޮވާލާ، ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ މަޖިލިހުގައި މުހިންމު މަސައްކަތްތަކެއް ހުއްޓައި އެފަދަ ކަމަކާ މެދު ކުއްލި މައްސަލައެއް ހުށަހަޅައިގެން މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަސައްކަތް ކުރަނީ ޒާތީ މައްސަލައެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު ވަނީ، ސާޖިދާގެ އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިގެން ހައްލު ކުރެވެން އޮތްއިރު، ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލިހަށް ހުށަހެޅުމުން އެމްޑީޕީއަަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ހައްލެއް ހޯދުމުގެ ބޭނުމުގައި ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ ސާޖިދާ އާ ޒާތީ ގޮތުން ދިމާކުރަން ކުރެއްވި ކަމަށް ވަހީދު ވިދާޅުވި އެވެ.
މި ކަމާމެދު ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ ވިދާޅުވެފައި ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިގެން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް އެކަމާ މެދު ބަހުސް ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވާނަމަ، މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް އެކަން ބެލެން އެބައޮތް ކަމުގަ އެވެ. ނަމަވެސް މިފަދަ ގޮތަކަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން ސާޖިދާއަށް ތުހުމަތުތައް ކުރަނީ، މި މައްސަލަ ހައްލުކުރަން އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ސިރާޖު ތުހުމަތުކުރެއްވި އެވެ.
މިފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަކީ ހަޑި ހުތުރު އަމަލެއްގެ ގޮތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ވަނީ ސިފަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސީއެސްސީގެ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ މަޖިލިހުން އެކަންކަން މިއަށްވުރެ ފަސޭހަކަމާ އެކު ނިންމޭނެ ގޮތްތައް އެބަހުރި ކަމަށެވެ. ނަމަވެސް ކުއްލި މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ވެއްދި މި މައްސަލައަކީ ސިޔާސީ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.