ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން މެންބަރަކު ވަޒީރަކަށް ސުވާލެއް ފޮނުވުމުން މަޖިލީހަށް ހާޒިރުވެ ވަޒީރު ޖަވާބުދާރީވާންޖެހެނީ މަޖިލީހުން ނޯޓިސް ދޭތާ 14 ދުވަސް ފަހުންނެވެ.
މިއިސްލާހުގެ އިތުރުން މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މެންބަރަކު ވަޒީރަކާ ކުރައްވާ ރަސްމީ ސުވާލުގެ އިތުރުން އެ ވަޒީރަކާ ގުޅޭ ދާއިރާ އިންވެސް ސުވާލުކުރެވޭ ގޮތް ހެދުމަށް ގާނޫނުގެ 16 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅުއްވާފަ އެވެ.
އެ މާއްދާގައި ބުނާ ގޮތުން، މެންބަރުންނަށް އިތުރު ސުވާލެއް ކުރެވޭނީ ނޯޓިސް ދީގެން މިނިސްޓަރާ ކުރި ސުވާލުން ނުވަތަ އެ ސުވާލަށް އެ މިނިސްޓަރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް އެކަންޏެވެ.
އެހެން ސުވާލަކަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ގާނޫނުގައި މިހާރު ބުނެފައިވެ އެވެ.
މޯޑު ހުށަހެޅުއްވި އާ އިސްލާހުގައި ބުނާ ގޮތުން އެ މިނިސްޓަރެއްގެ އިހުތިސާސްގައި ހިމެނޭ އެހެނިހެން މަސައްކަތާ ގުޅުން ހުރި ސުވާލުތައް ވެސް މެންބަރުންނަށް ކުރެވޭނެ އެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ އިއްޔެގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާޒިރުކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފޮނުއްވި ސުވާލު ފިޔަވައި އެހެން އެއްވެސް ސުވާލެއް މިނިސްޓަރާ ކުރައްވަން މަޖިލީހުގެ ރައީސް އަސްލަމް ފުރުސަތު ނުދެއްވުމުންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.