މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 68 މެންބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށެހެޅި ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ 300 މިލިޔަން ރުފިޔާ އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ފޮނުވި ބަޖެޓަށް އެ ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން ވަނީ 306،109،915 ރުފިޔާނީ އިތުރުވެފައެވެ. އެހެންވެ ބަޖެޓު ވަނީ 49.8 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ބަޖެޓަށް ކޮމިޓީން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އުނިކުރަން ޔައުގޫބު ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. ޔައުގޫބުގެ ހުށަހެޅުންތަކަށް ތާއީދުކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެއަށްފަހު ނެގި ވޯޓުގައި ބަޖެޓު ކޮމިޓީގެ މެމްބަރުން ވަނީ ޔައުގޫބުގެ ހުށަހެޅުންތައް އިއްތިފާގުން ފާސްކޮށްފައެވެ.
ޕީއެސްއައިޕީ ބަޖެޓުން ފުށިދިއްގަރުފަޅު އުނިކުރުމުން މުޅި ޕީއެސްއައިޕީ ބަޖެޓަށް އިތުރުވީ 248 މިލިއަން ރުފިޔާއެވެ. އެހެންވެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރަން ހުށަހަޅާފައިވާ އަދަދަކީ މިހާރު 8.8 ބިލިއަން ރުފިޔާއެވެ.
ބަޖެޓު ކޮމިޓީން ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.
ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އެެހީ، އެއަށް އިތުރު އިސްލާހެއް ހުށަހަޅާފައި ނުވުމުންނެވެ.
ބަޖެޓުގެ ތަފްސީލް
* ޖުމްލަ ބަޖެޓު: 49.8 ބިލިއަން ރުފިޔާ
* އާމްދަނީ: 33.5 ބިލިއަން ރުފިޔާ
* ޕީއެސްއައިޕީ: 8.9 ބިލިއަން ރުފިޔާ
* ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ.