ފަހުގެ ޖީލުގައި އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ކުޅުން ހުއްޓާލިކަން އިއުލާންކުރީ އަންގާރަ ދުވަހުއެވެ. ޔުވެންޓަސްއާ އިޓަލީގެ ގައުމީ ޓީމަށް ގިނަ އަހަރުތަކަކަށް ކުޅުނު ކިއޭލީނީ އުމުރުން 40 އަހަރުވާން ގާތްވެފައިވަނިކޮށް، ކުޅުން ހުއްޓާލަން ނިންމިއިރު، 23 އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ކިއެލިނީ އެންމެ ފަހުން ކުޅުނީ އެމެރިކާގައެވެ. އެމެރިކާގައި އޭނާ ކުޅުނީ ލޮސް އެންޖަލިސް އެފްސީ އަށެވެ. އެ ޓީމަށް އޭނާ ކުޅުނު އެންމެ ފަހު މެޗަކީ ހޮނިހިރި ދުވަހު އެމްއެލްއެސް ކަޕްގެ ފައިނަލެވެ. ފައިނަލްގައި ލޮސް އެންޖަލިސް އެފްސީ ވަނީ ބަލިވެފަ އެވެ.
ޔުވެންޓަސް އަށް 2005 ވަނަ އަހަރު ގުޅުނު ކިއެލީނީ ވަނީ 2012 އިން 2020 އަށް އެ ކްލަބާ އެކު ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. އިޓަލީގެ ގައުމީ ޓީމުން 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ ކިއެލީނީގެ ކެޕްޓަންކަމުގެ ދަށުންނެވެ.