ads
ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މުވައްޒިފަކަށް ވެކްސިން ދެނީ -- ފޮޓޯ: އަވަސް
މާދަމާ ހިމަބިއްސާއި ރުބެއްލާ އަށް ވެކްސިން ދޭން ފަށަނީ
ހިމަބިއްސާއި ރުބެއްލާއަށްދޭ "އެމްއާރް" ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފެށުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެެޗްޕީއޭއިން ބުނެފައި ވަނީ މި އަހަރުގެ މެދު ތެރޭގައި ރާއްޖޭން ހިމަބިހި (މީސްލްސް) ފެނުމާ ގުޅިގެން، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމު މަސައްކަތް ތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމާފައި ވާ ކަމަށެވެ.  

އެހެންކަމުން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކޮށް ތިބި 18 މަހާއި 49 އަހަރާ ދެމެދުގެ ދިވެހިންނާއި، ދެ ޑޯޒު ހަމަ ނުކުރާ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް އެޗްޕީއޭ އިން ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން މި ކެމްޕޭނުގެ ތެރެއިން، މާދަމާއިން ފެށިގެން މާލޭގެ ވެކްސިން ސެންޓަރު ތަކުގެ އިތުރުން އަތޮޅު ތެރޭގެ ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރު ތަކުގައި ވެސް އެމްއާރު ވެކްސިން ޖަހައިދިނުން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

މި ކެމްޕެއިނުގެ ތެރެއިން މާލެ ސަރައްހަދުގައި ވެކްސިން ދިނުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދަމަނަ ވެށި، އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޖީ.ޕީ ކްލިނިކުންނެވެ.

ހިމަބިހީގެ އަލާމާތް ތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމުގެ އިތުރުން ލޯ ރަތްވުން ހިމެނެ އެވެ. އަދި މި އަލާމާތް ތައް ފެންނަށް ފަށަނީ ބަލި ޖެހޭތާ 10 ދުވަހާއި 12 ދުވަހާ ދެމެދުގަ އެވެ.

ރާއްޖޭގައި އެމްއާރް ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރުގަ އެވެ. އޭގެފަހުން ރާއްޖޭގެ މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖްވަނީ 95 އިންސައްތައަށްވުރެ މަތީގާއި ހިފަހައްޓާފަ އެވެ. މި ކާމިޔާބީއާއެކު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވަނީ 2017 ވަނަ އަހަރު ހިމަބިހި އަދި 2020 ވަނަ އަހަރު ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެގޮތުގައި ކަނޑައަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް