ads
ހުޅުމާލޭ ސަލާހުއްދީން ސްކޫލް: އެ ސްކޫލްގެ ދަރިވަރަކަށް ހަނގާ ކުރި މައްސަލަ ވަނީ ފެންމަތި ވެފައި - ފޮޓޯ: އަވަސް
ސަލާހުއްދީން ސްކޫލުގައި ގްރޭޑް އެކެއްގެ ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ގްރޭޑް އެކެއްގެ ދަރިވަރަކަށް ހަނގާ ކުރާ މައްސަލައެއް ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން އެކަން ބަލަން ފަށައިފި އެވެ.
Advertisement

މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވާ ގޮތުގައި އެ ކުއްޖާ ސަލާހުއްދީން ސްކޫލަށް ދާން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި ކުއްޖާއަށް ބަދަލުތަކެއް އަންނަން ފެށި ކަމުގަ އެވެ.

އޮގޮތުން ސްކޫލުން އަންނައިރު، ގަޔަށް ބޮޑުކަމުދެވިފައި ހުންނަކަން ފާހަގަ ވާން ފެށި ކަމަށްވެ އެވެ. އަދި އެ ކުއްޖާ ސްކޫލަށް ނުދާން ގަދަ ހަދާ، އެ ގަޑިއަށް ބަނޑުގައި ރިހުމާއި ހޮޑުލެވުން ފަދަ ކަންކަން ފާހަގަ ވި ކަމުގައި ވެސް އެ ކުއްޖާގެ މަންމައާ ހަވާލާދީ ހިއްސާ ކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި އެ ހާލަތުގައި ގަދަކަމުން ސްކޫލަށް ގެންދާ ކޮންމެ ދުވަހަކު ވެސް، ކުއްޖާ ބަލާ ދާއިރު ހުންނަނީ ގަޔަށް ބޮޑުކަމު ދެވިފައި ކަމަށްވެ އެވެ.

އެ ދުވަސްތަކެއް ފަހުން ކްލާހުގެ އެހެން ކުއްޖެއްގެ ފަރާތުން އެނގުނީ، ދެތިން ކުއްޖެއް ބައިވެރި ވެގެން އެ ކުއްޖާއަށް ހަނގާ ކުރަމުންދާ ކަމެވެ. އަދި ސްކޫލަށް ގެންދާ ފަންސުރު ފަދަ އެއްޗެހި ނުހުންނަކަމާއި، ހުންނަ އެއްޗެހި ވެސް ބިންދާފައި ހުންނަ ކަން އޭރު ކުއްޖާގެ އާއިލާ އަށް ފާހަގަވެފައި ވާ ކަމަށް އެ ޕޯސްޓްގައިވެ އެވެ.

މި ޕޯސްޓްގައި ވާ ގޮތުން، އެކަން އެހެން ވުމާއެކު ކުއްޖާގެ މަންމަ ކްލާސް ޓީޗަރާއި ބައްދަލު ކޮށް މިކަން ޓީޗަރުގެ ސަމާލު ކަމަށް ގެނައުމުން، ހަނގާ ކުުރާ ކުދިންނަކީ އާދައިގެ ކުދިންނާއި ތަފާތުކޮށް ހައިޕާ އެކްޓިވް ކުދިން ކަމަށް ޓިޗަރު ބުނިކަމަށްވެ އެވެ. އަދި އޭގއ ފަހުން މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭކަން ފާހަގަ ކޮށްފައިވެ އެވެ. 

ދައުރު ވަމުންދާ އެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ، އޭގެ ފަހުންވެސް އެ ކަންތައް އައީ އިތުރަށް ބޮޑުވަމުން ކަމަށެވެ. އެގޮތުން އެ ކުއްޖާގެ ހަށިގަނޑު ހުންނަ ގޮތަށް މަލާމަތް ކުރުމާއި، ކުއްޖާ ގެންދާ ފެންފުޅީގައި ދޫލުން ފަދަ ގޯނާ ތަށް ކޮށްފައި ވާކަމަށް އެ ކުއްޖާ އަމިއްލައަށް ވެސް ފަހުން ކިޔައިދިން ކަމަށްވެ އެވެ.

ހަނގާ ކުރުމުގެ މައްސަލަ މިވަރަށް ބޮޑުވުމުން ކުއްޖާގެ މައިންބަފައިން މި ވާހަކަ އަނެއްކާވެސް ކްލާސް ޓީޗަރާއި ޕްރިންސިޕަލްގެ ސަމާލުކަމަށް ގެނައި ކަމަށްވެ އެވެ. އަދި ތަކުރާރުކޮށް މިކަން މިހެން ދިމާވާތީ ކުއްޖާގެ ބަލި ހާލަތު ބޮޑުވެ ޅަ އުމުރުގައި ނަފްސާނީ ބޭސް ކާން ދޭން ފަށަން ޖެހުނު ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

އެކަމަށް އެއްވެސް ހައްލެއް ނުލިބި، އިއްޔެ ކުއްޖާ ސްކޫލުން ގެއަށް ދިޔައިރު ބޯކޮށާލައި ޔުނީފޯމުގެ ސޯޓުގެ ކުރިމަތިން އެތައް ތަނަކުން ކަފާލާފައި ހުރި ކަމަށް އެ ޕޯސްޓްގައިވެ އެވެ.

މި މައްސަލައިގެ ޝަކުވާ ސްކޫލު ޕްރިންސިޕަލާއި ކްލާސް ޓީޗަރަށް ހުށަހެޅުމުން، ކްލާސް ޓީޗަރުއެ ކުއްޖާގެ ވާހަކަ ދޮގުކުރި ކަމަށާއި އެއީ އެ ކުއްޖާ އަމިއްލަ އަށް ކުރި ކަމެއް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށާއި، އެ ކުއްޖާ ހަދަނީ ދޮގު ކަމަށް ދޭހަ ވާހެން ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވެސް ވާހަކަދެއްކި ކަމަށް އެ ޕޯސްޓުގައިވެ އެވެ.

އެ ޕޯސްޓްގައި އިތުރަށް ލިޔެފައި ވަނީ، ކުއްޖާގެ ބެލެނިވެރިން އަނބުރާ ގެއަށް އައިތަނާ އެކަން ކުރި ކުއްޖާގެ ބެލެނިވެރިޔާ ގުޅައި، އެއީ އެ ކުއްޖާ ކުރި ކަންތައް ކަމަށް އެއްބަސްވެ ރީތިކޮށް މާފަށް އެދުނު ކަމުގަ އެވެ. ނަމަވެސް އެ ކޯލް ރިކޯޑިން ޓީޗަރަށާއި ޑެޕިއުޓީ ޕްރިންސިޕަލަށް އަޑު އިއްވުމުން ޓީޗަރު އެކަމުގައި އެއްޗެއް ބުނެފައި ނުވާއިރު، ޑެޕިއުޓީ ޕްރިންސިޕަލް ސުވާލުކުރީ ކޮންމެ އެއްޗެއް ރިކޯޑު ކުރަނީ ކީއްވެތޯ ކަމަށް އެ ޕޯސްޓްގައި ބުނެ އެވެ.

ހަނގާ ކުރެވުނު ކުއްޖާގެ މަންމަ ހެއްކާއެކު އެ މައްސަލަ ހުށަހެޅުމުންވެސް ސްކޫލުން ކަން ކުރަންވީ ގޮތަކީ މިއީތޯ އާއި މިއީ އިންސާފުތޯ އޭގައި ވަނީ ސުވާލު އުފައްދާފަ އެވެ. ސްކޫލްތަކުގައި ހިންގާ އެފަދަ ބުލީ ކުރުންތަކުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓީޗަރަށާއި ޕްރިންސިޕަލަށް ވެސް ފާޑުކިޔަމުންނެވެ.

ސަލާހުއްދީން ސްކޫލުގެ ދަރިވަރަކަށް ބުލީކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި އެވެ. އެކަމަކު ކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް