ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ހާސިލުކުރެވުނު ކަންތައްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ފިރުޒުލް ވިދާޅުވީ ރައީސްގެ ވައުދުފުޅު ތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާތައް ގާނޫނާ ގަވާއިދުގެ ދަށުން މާފުކޮށްދިނުން ހިމެނޭ ކަމަށެވެ.
އެގޮތުން ފަހެއް ސެޕްޓެންބަރު އިން ފެށިގެން 16 ނޮވެންބަރާ ހަމައަށް ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ މިއަދުން ފެށިގެން މާފުކޮށްދީފައިވާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންތިހާބާ ގާތްވެފައި ވަނިކޮށް ވަނީ ސެޕްޓެންބަރު ފަހަކާ ހަމައަށް ޖޫރިމަނާތައް މާފު ކޮށްދެއްވާފަ އެވެ. އެ ޖޫރިމަނާ ތަކުގެ ޖުމްލަ އަދަދު 2.8 މިލިއަނަށް އަރާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ޕާކިން ޖޫރިމަނާގެ އިތުރުން އެހެނިހެން ޓްރެފިކް ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ކުރީ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ޖޫރިމަނާގެ ބާވަތަށް ބަލައި، ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާ ފައިސާ މައާފު ކުރުމަށް ވަނީ ނިންމައިފަ އެވެ.