ads
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ:ކުޅުދުއްފުށި އޮންލައިން
ސަމާލު؛ ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެ!
ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސް ތަކެއް ކުޅުދުއްފުށި ސިޓީން ފެނިފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއިޑްސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތް ކޭމްޕްގެ ތެރެއިން ބަލިތަކަށް ސްކްރީން ކުރުމުގެ ތެރޭގައި، ބައެއް ފަރާތްތަކުން ފައިލޭރިއާ އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

އެ އާއެކު ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިތުރުން ރެޑް ކްރެސެންޓް ގުޅިގެން، އެޗްޕީއޭގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ރައްކާތެރި ކަމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އެގޮތުން މި ބަލީގެ ކޭސް ތަކެއް ފެނުމާއެކު ބައްޔަށް ޕޮސިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ރާއްޖޭން ނައްތާލާފައިވާ މި ބައްޔަށް ޕޮސިޓިވްވެފައި ވަނީ މިހާރުވެސް ފައިލޭރިއާ ބަލި ފެތުރޭ ގައުމުތަކުން ދާދިފަހުން ރާއްޖެ އައިސްފައިވާ މީހުންނެވެ.

ފައިލޭރިއާ އާންމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. އަދި މި ބައްޔަށް ދޭ ފަރުވާ އަކީ އެއް ފަހަރު ބޭނުންކުރާ ދެ ބޭހެކެވެ.

ރާއްޖެއިން އެންމެފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެޔަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާކަމުގެ ޔަގީންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެ އަށް ދިނީ 2016 ގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް