ads
ކުޅުދުއްފުށިން ކޮވިޑަށް ޓެސްޓުކުރަން ނެގޭ ސާމްޕަލްތައް ޓެސްޓު ކުރުމަށް ލެބޯޓަރީގައި - ފޮޓޯ:ފައިލް ފޮޓޯ/ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ފައިލޭރިއާ ޖެހޭ މީހުންނަށް ދޭން ޖެހޭ ފަރުވާގެ ކަންކަން އިންތިޒާމު ކުރަނީ
ހދ. ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންނަށް ދޭން ޖެހޭ ފަރުވާގެ ކަންކަން އިންތިޒާމު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
Advertisement

މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކެމްޕެއިނެއްގެ ތެރެއިން ޓެސްޓުކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ފަރާތްތަކަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ "އެންޑަމިކް" ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތަކެއް ކަމަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ އެ ރަށުގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް އެ އެޖެންސީގެ ލަފާގެ މަތިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ބަލި ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓުތައް ހެދުމާއި ޓެސްޓުތަކުން ޕޮޒިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އަންނަނީ އިންތިޒާމުކުރެވުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެ އެޖެންސީން ބުނި ގޮތުގައި އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއެކު ދަނީ މަޝްވަރާކުރަމުން ކަމުގަ އެވެ.

ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގަ އެވެ.

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެ އެޖެންސީން ބުނީ ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން، ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުން ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭން އެންމެފަހުން ފައިލޭރިއާގެ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސް އާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ދުވަސް ވަންދެން ބޭސް ދެވުނުއިރު، އެފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭތަކުގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ރާއްޖޭން ފެނިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް