
މިއީ އުތުރުގެ ރަށެއްގެ ފިރިހެނަކާ، މެދު ރާއްޖެތެރޭ ރަށެއްގެ އަންހެނަކު އިނދެގެން އުޅުނުއިރު، ފިރިހެން މީހާ އަންހެން މީހާ އަތުން ނަގާފައިވާ 100،000 ރުފިޔާ އަނބުރާ ހޯދުމަށް އަންހެން މީހާ ދައުވާ ކުރި މައްސަލައެކެވެ.
2019 ވަނަ އަހަރުގެ ތެރޭގައި، މި ދެ މީހުން އިނދެގެން އުޅުނުއިރު މި ފައިސާ އަންހެން މީހާ ފިރިހެން މީހާއަށް ދީފައި ވަނީ ރައްކާކުރުމަށެވެ. ފައިސާ ދީފައި ވަނީ އިންޓަނެޓް ބޭންކް މެދުވެރިކޮށް ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ. މި ދެމަފިރިން ވަރިވީ ފަހުން، އަންހެން މީހާ އެ ފައިސާ ހޯދުމަށް އެކިފަހަރު މަތިން މަސައްކަތްކޮށްގެންވެސް އެ ފައިސާ ނުލިބުމުން އެންމެ ފަހުން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް ފިރިހެން މީހާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންކަމުން މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ އެ ފިރިހެން މީހާގެ ގައިރުހާޒިރުގަ އެވެ. މައްސަލައިގެ ހުކުމުގައި އަންނަ މަހުގެ މެދުތެރޭ ދުވަހެއްގެ ކުރިން 100،000 ރުފިޔާ އަންހެން މީހާއަށް ދެއްކުމަށް ވަނީ ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފަ އެވެ. އަދި އެ ފައިސާއަކީ ސާބިތު ދަރަންޏެއް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.