ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނައިފަރުން ފެނުގެ ހިދުމަތް މެދުކެނޑުނީ އެ ރަށުގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ހިންގާ ފެން ޕްލާންޓުން، ފެން އުފެއްދޭ މިންވަރަށް ވުރެ ބޭނުންކުރެވޭ ނިސްބަތް އިތުރުވުމާ ގުޅިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަކުލީފު އުފުލަން ޖެހުނު ރައްޔިތުންގެ ކިބައިން އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
ފެނަކައިން ބުނި ގޮތުގައި ނައިފަރުގެ ފެނުގެ ނިޒާމަކީ 2017 ވަނަ އަހަރު ގާއިމުކުރަން ފެށިފައިވާ ނިޒާމެއް ނަމަވެސް، ދިމާވި ބައެއް މައްސަލަތަކާ ހުރެ އެ މަޝްރޫއު މެދުކެނޑުމަށްފަހު އަލުން ފަށައި، މަސައްކަތް ނިންމާލެވުނީ 2022 ވަނަ އަހަރުގައި ކަމުގަ އެވެ. އެހެންކަމުން މި ޕްރޮޖެކްޓް ދިގުލައި ދިއުމުގެ ސަބަބުން އެ މުއްދަތުގައި ގޭބިސީތަކުގެ އަދަދު އިތުރުވެ، ޑިޒައިން ޑިމާންޑަށް ވުރެ ފެނުގެ ޑިމާންްޑް އިތުރުވެފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކައިން އިތުރަށް ބުނީ ނައިފަރުގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް ފަހު މި އަހަރު ފެނަކަ އާ ހަވާލުކުރެވުނީ ބޮޑެތި މައްސަލަތަކާ އެކުގައި ކަމަށެވެ. އެގޮތުން ނެޓްވޯކުން ލީކްވުމާއި ފެނުގެ ކޮލެޓީގެ މައްސަލައިގެ އިތުރުން އެހެންވެސް ބައެއް ޓެކްނިކަލް މައްސަލަތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިތުރު ފެން ނައިފަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފައިވެ އެވެ. އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ފެނަކައިގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފެނަކައިން ބުނެފައި ވަނީ ހިދުމަތް ދިނުމުގެ ރޮނގުން އެ ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އިއާދަކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.