މި މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހާއްސަ މައުރަޒެކެވެ.
މި މައުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެ އެވެ. ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި ބޭނުންކުރެއްވި ލޮންސިކޮޅާއި ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެ އެވެ. މީގެ އިތުރުން މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ހުލާސާ މައުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސްވެ އެވެ.
ރައީސް އޮފީހުން ބުނީ މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން މި މައުރަޒު ބައްލަވާލައްވައި މައުރަޒުގައި ހިމެނޭ އާސާރުތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ. އަދި ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާ ބެހޭގޮތުން ވެސް އެކަމަނާ މައުލޫމާތު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހުރަވީ ދުވަހުގެ މުނާސަބަތު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ދުވަހާގުޅޭ ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މައުރަޒުގެ އިތުރުން ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވި އެވެ.