މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެމްޑީއެންގެ އެއް ފައުންޑަރު ޝަހިންދާ އިސްމާއިލް އަދި މަންދު ކޮލެޖުގެ ފައުންޑަރު އިބްރާހިމް އިސްމާއިލް - އިބްރާގެ ފަރާތުންނެވެ. މީގެ ތެރެއިން ޝަހިންދާ ހުށަހެޅި ބައި ހައިކޯޓަށް ބަލައިގެން ނަމަވެސް، އިބްރާ ހުށަހެޅި މައްސަލަ ހައިކޯޓަށް ބަލައި ނުގަތެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް އެ މައްސަލަ ރިވިއުއަށް ހުށަހެޅުމުން ފަނޑިޔާރުންވެސް ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ. އެހެންކަމުން އިބްރާ ދެން އެ މައްސަލަ ހުށަހެޅި ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ.
އެމްޑީއެން އުވާލުމުން އެ މައްސަލަ ޝަހިންދާގެ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެއީ، 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ސިވިލް ކޯޓުން ޝަހިންދާއާ ދެކޮޅަށް ނިންމީ މިދިޔަ މާރިޗު މަހުއެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން އެމްޑީއެން ރަސްމީކޮށް އުވާލުމުން އެ ނިންމުން ބާތިލުކުރަން ޝަހިންދާގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އާދަމް ނިންމެވީ، ޔޫތު މިނިސްޓްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
އެ ޖަމްއިއްޔާ އުވާލަން ނިންމީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނެވެ.
އެމްޑީއެން އުވާލާފައިވަނީ އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާއި ގުޅިގެން ސަސްޕެންޑުކުރުމަށް ފަހުއެވެ. އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި، ގުރުއާނުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި އެ ރިޕޯޓްގައި ހަޖޫ ޖަހާފައިވެއެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރުވީ ކަމެއް އެނގިފައެއް ނެތެވެ. ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގައެވެ.