ads
ފުށިދިއްގަރުފަޅު ހިއްކަން ސީއެމްސީސީ އާ ހަވާލު ކުރަނީ - ފޮޓޯ: ގޫގަލް މެޕްސް
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫއުކަމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށަން ހަމަޖެހިއްޖެ އެވެ.

ފުށިދިއްގަރުފަޅު ސަރަހައްދުގައި މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހުކޮށް ދެއްވާނީ ރައީސް މުއިއްޒެވެ. އެނގިފައިވާ ގޮތުގައި ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

އާބަންކޯގެ ބެލުމުގެ ދަށުން ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ ކ. ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ފުށިދިއްގަރު ފަޅުގެ ބައެއް ގުޅީގެ އިހްތިސާސްގެ ތެރޭގައި ހިމެނެ އެވެ.

ކުރީގެ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހެޅި ނަމަވެސް މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ހިމަނާފައި އޮތެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށާއި އެހެނިހެން މަޝްރޫއުތަކަށް ބަހާލައިފައެވެ. އެންމެ ފަހުން މަޖިލިހުގެ ތަޅުމުން އެ ބަޖެޓު ފާސް ކުރީ ކޮމިޓީން ނިންމި ގޮތަށެވެ.

އެމްޑީޕީ މެމްބަރުން ބުނާ ގޮތުގައި، އެ ފަޅަށް ހަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް