ads
ރައީސް މުއިއްޒު: ފުށިދިއްގަރު ފަޅު ރަސްމާލެގެ ނަމުގައި ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައި - ފޮޓޯ:ރައީސް އޮފީސް
ފުށިދިއްގަރު ފަޅު "ރަސްމާލެ" ގެ ގޮތުގައި ތަރައްގީކުރަން ފަށައިފި
ފުށިދިއްގަރު ފަޅު "ރަސްމާލެ" ގެ ނަމުގައި ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.

ރަސްމާލެ ބިން ހިއްކުމުގެ މި މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށިދިއްގަރު ފަޅުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް ރަސްމާލެގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯއިން ބުނެ އެވެ.

އާބަންކޯއިން ބުނެފައި ވަނީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިން ހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދި ރާއްޖޭގައިވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމުގައިވާ ބޮސްކާލިސް ވެސްޓްމިނިސްޓަ ކޮންޓްރެކްޓިން ކޮމްޕެނީ އާއި ސީއެމްސީ ގުޅިގެން ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މި ފަޅު ހިއްކުމަށް ހަމަޖެހިފައި ވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށް ކަމަށާއި މިއީ ހުޅުމާލެއަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށް ހިއްކޭ ރަށެއް ކަމަށް އާބަންކޯއިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ބޮޑު އާބާދީއެއް ގާއިމުކުރެވިގެންދާނެ ކަމުގަ އެވެ.

ހަމައެހެންމެ ފުށިދިއްގަރު ފަޅު ވެގެން ދާނީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް އާބަންކޯއިން ބުނެ އެވެ. އާބަންކޯއިން ބުނީ މިއީ ބިމުގެ ބޮޑުމިނަށް ބަލާނަމަ ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ކަމަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ފުށިދިއްގަރު ފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެން ދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައްވެސް ހިމަނައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ރައީސް މުއިއްޒުގެ ރިޔާސަތުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އާބަންކޯއިން ބުނެފައި ވަނީ މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާ ޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް