ads
8 މަސްތެރޭގައި 1،153 ހެކްޓަރުގެ ބިން ފުށިދިއްގަރު ފަޅުން ހިއްކާނެ
އަށް މަސް ދުވަހުގެ ތެރޭގައި 1،153 ހެކްޓަރުގެ ބިން ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭއިރު، އެ ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގެ ބޮޑުމިން ހުޅުމާލޭ ދެ ފިޔަވަހީގެ ތިން ގުނަ ވެގެން ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މި މަޝްރޫއާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއަށް ވާނެ ކަމަށެވެ.

ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއުގައި ހިއްކަމުންދާ މިންވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށް ވުރެ އިތުރަށް 50 ހެކްޓަރު ބިން ހިއްކައި އެ ތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫ އާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ގުޅީފަޅާއި ގިރާވަރު ފަޅާއި ހުޅުމާލެ އާއެކު މި ތަން، ފުށިދިއްގަރު ފަޅު ހިއްކިގެން ދިއުމުން ވާނީ މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލަކަށް. އަދި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުންނަށްވެސް މި ތަނުންނާއި މި ދެންނެވި އެހެން ބިންތަކުން އެ ހައްލު ހޯދައިދޭނަން،" - ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓު ތަރައްގީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަހައްދުގައި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޕްލޭންކޮށްފައި ވަނީ މާލެ ސަރަހައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެ ފުރުސަތު ލިބޭނެ ގޮތަށް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް