ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަނުން މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް މަންފާ ލިބޭނެ ގޮތަށް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ފެށި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ ފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކައި ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން އިއުލާނުކޮށްފައިވާ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންގޮސް އެ ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ނިންމާފައި ވަނީ ގުޅިފަޅުން 150 ހެކްޓަރުގެ ބިން އަދި ގިރާވަރު ފަޅުން ސަތޭކައެއްހާ ހެކްޓަރުގެ ބިން ހިއްކުމަށެވެ. މާލޭ ސަރަހައްދަށް ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މީގެކުރިން ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ހިމެނޭހެންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެ ތަންތަނުން ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.