ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް "ރަސްމާލެ" ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމީ އެންމެ ބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާ ކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮ ތުން މުޅި ރާއްޖޭގައި ޕްލޭން ކޮށްގެން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ފުރުސަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްގީކުރުމާ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތް އާބަން ސެންޓަރެއް ތަރައްގީކުރުމުގެ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުން ފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިން ހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫ އާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްގީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަހައްދުގައި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަހައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުސަތު ލިބޭނެ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެ އާއި މާލެ އާ ދެމެދު ގާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުނދަގޫ ނުވާނެ ގޮތަށް ފުށިދިއްގަރާ އެންމެ ކައިރީ އޮތް ފަޅުގައި އެއާ ސްޓްރިޕެއް ގާއިމުކޮށް އެތަން ރަސްމާލެ އާ ގުޅުވާލާނެ ކަމުގަ އެވެ. އެ އާއެކު ރަސްމާލެ ވެގެން ދާނީ އެކިކަހަލަ ވިޔަފާރި އާއި އާމްދަނީގެ ފުރުސަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މިދިޔަ މަހުގެ 18 ވަނަ ދުވަހު މާފަންނު ގަޑިބުރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެ ދުވަހުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރު ފަޅުގައި ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގައި ވިދާޅުވެފަ އެވެ. މިއަދަކީ އެހެން ވިދާޅުވިތާ 30 ވަނަ ދުވަސްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ސަރުކާރަކީ ވައުދެއް ވެއްޖެނަމަ އެ ވައުދެއް ވީ ގޮތަށް ފުއްދަވާނެ ސަރުކާރެއްކަން ފާހަގަކުރައްވާފަ އެވެ.