ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރަން ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ރަޖިސްޓްރީތައް ބާތިލްކުރީ އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށް ދައުލަތުން ބުންޏަސް، އެކަމަށް ވެހިކަލްތަކުގެ ވެރިފަރާތްތަކުން އިންކާރު ކުރާ ކަމަށެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރުމުގެ ކުރިން އެ މީހުންގެ ބަހެއް ދައުލަތުން ހޯދާފައިނުވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހެޅީ ވެސް އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މިދިޔަ އޮކްޓޫބަރު މަހު ކަމަށް ވެސް ގާޒީ ހާފިޒާ އަބްދުއްސައްތާރު ކުރެއްވި އެ ހުކުމުގައިވެ އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 200 އެއްހާ އުޅަނދުގެ ރަޖިސްޓްރީ މި އަހަރު ކުރީ ސަރުކާރުން ބާތިލްކުރި އެވެ. އޭގެ ތެރޭގައި ކާރާއި ސައިކަލު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި މައްސަލަ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރި ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން ސަރުކާރުގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.