އިއްޔެ ފުލިދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ޕޮލިސް ޕޯޓް ހުޅުވައި ދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާއު އަލީ އެވެ.
މި ރަސްމިއްޔާތުގައި ފުލިދޫ ކައުންސިލް ރައީސް މުހައްމަދު އިމްތިޔާޒްގެ އިތުރުން އެ އިދާރާގެ މެންބަރުންނާ، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ބައިވެރިވެ ވަޑައިގަނެފައި ވެއެވެ.
މި ރަސްމިއްޔާތުގައި، އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު، އިބްނުބަތޫތާ އާއި ޕިރާޑް ފަދަ ބޭފުޅުން ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ވަރަށް އަމާން އޮމާން ގައުމެއްގެ ގޮތުގައި ކަމަށާއި މި އަމާންކަމާއި ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
އަދި ގައުމުގެ އިގްތިސާދީ ސިނާއަތް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށްވާއިރު ފަތުރުވެރިންގެ ތެރޭގައި ހިނގާ ތަފާތު ކުށްތަކާއި، ފަތުރުވެރިކަމުގެ ތެރޭގައި ހިނގާ ނޭއްގާނީ އަމަލުތައް ކަމުގައިވިއަސް އެފަދަ ކަންކަން ބަންދުކުރާނެ ދޮރެއް ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަރައްގީއާއި ތަމައްދުންގެ ރޭހުގައި މިގައުމު ކުރިއަރައިދާއިރު، މި ހިދުމަތް އެންމެ ފުރިހަމަކަމާއެކީ ފޯރުކޮށްދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައި، އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ އަދަދު އިތުރުވެގެން ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ކަމަށް ވިދާޅުވި އެވެ.