ފަތާ ޓްރެކަކީ މާލޭގައި ދިރިއުޅޭ މީހުން ކަސްރަތު ކޮށް ފަތާ ލުމަށް އޮތް ހަމަ އެކަނި ޓްރެކެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މި ތަަނަށް މޫދަށް އެރެއެވެ.
ދޭތެރެ ދޭތެރެއިން މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން މި ތަނުގެ ލޮނުގަނޑުގެ ތަގައްޔަރު ކޮށްލައެވެ. މިހާތަނަށް މިކަމަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ.
މީގެ ދެދުވަސް ކުރިން ޓްރެކްގެ މޫދުގެ ލޮނުގަނޑު ނަޖިހުން ތަގައްޔަރު ވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިކަމާ ގުޅިގެން ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ، ޓްރެކްއަށް ނަޖިސް ވަނުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެއް ކަމާ، "އުސްފަސްގަނޑާ ދިމާލުގައި އޮންނާނެ ނަރުދަމާ މައި ހޮޅި ދޭތެރެދޭތެރެއިން ހޮޅި ސާފު ކުރާއިރު މޫސުމާ ގުޅިގެން، ދިޔަވަރު ވެސް ބޮޑުވީމަ ޓްރެކަށް ނަޖިސް ވަންނަނީ،" ކަމަށެވެ.
މޫސުން ބަދަލުވުމުން އޮއިވަރަށް އަންނަ ބަދަލު ތަކާއެކު ބައެއް ފަހަރު އަމިއްލައަށް ނަޖިސްތަށް ސާފުވާ ކަމަށް އިސްމާއިލް އަލީ ވިދާޅުވެފައި ވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތަށް އަބަދުވެސް އެ އެސޯސިއޭޝަނަށް ލިބޭކަން އިސްމާއިލް އަލީ ފާހަގަކޮށް ފައިވެ އެވެ. އަދި ދާދި ފަހުން ސަރުކާރުގެ އިސްވެރިންނާ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަޝްވަރާ ކޮށްފައިވާނޭ ކަމަށް ބުނެފައި ވެެއެވެ.
ނަޖިހުން މޫދު ތަގައްޔަރު ވުމުގެ މައްސަލަ މާލޭގެ ރަސްފަންނު އަދި އާޓިފިޝަލް ބީޗް ސަރަހައްދަށްވެސް ދިމާވެއެވެ. މީގެ ދެ ދުވަސް ކުރިން ޓްރެކް ސަރަހައްދުގެ މޫދު ނަޖިހުން ތަގައްޔަރުވެފައިވާ ފޮޓޯ ތަކެއް އާންމު ވެފައި ވެއެވެ.
މިދުވަސްވަރު ޓްރެކްއަށް މޫދަށް އެރުމުން ގައިގެ ހަންގަޑު ކަހާ ހިރުވާ ކަމަށް މޫދަށް ޓްރެކަށް އެރޭ މީހުން ބުނެފައިވެ އެވެ.
އެހެން މީހަކު ޝޯޝަލް މީޑިއާގައި ބުނެފައިވަނީ، އޭނަގެ އެއްއަހަރުގެ ދަރިފުޅު އާޓިފިޝަލް ބީޗަށް މޫދަށް ގެންދިޔަ ފަހުން ހުންއައިސްފައިވާ ކަމަށެވެ. އެހެންކަމުން މޫދުގެ ލޮނު ގަނޑު ނަޖިހުން ތަގައްޔަރު ވެފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މޫދުގެ ލޮނުގަނޑު ތަގައްޔަރުވެފައި ވަނިކޮށް މޫދަށް އެރުމުން އެކިއެކި ބަލިތަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް ފާހަަގަ ކޮށްފައިވެ އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އެންމެ ފަސޭހައިން ފެތުރޭ ބައްޔަކީ ބޮޑުކަމުދާ ނިޒާމުގެ ބަލިތަށް ކަމަށެވެ.
ޓްރެކްއަކީ ސުކޫލްތަކުގެ ކުދިންގެ ފެތުމުގެ މުބާރަތްތަކަށް ތަމްރީން ކްލާސްތަށް ނަގާ ތަނެއް ކަމުން ގިނަ އަދަދެއްގެ ކުދިން މޫދަށް އެރޭ ތަނެކެވެ. އެހެން ކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހެއެވެ.