ads
ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު ހޫތީން އަތުލައިގަތް ގެލެކްސީ ލީޑަ ޔަމަނުގެ ހުދައިދާ ބަނދަރަށް ގެންދަނީ. -- ފޮޓޯ: ރޮއިޓާސް
ހޫތީންގެ ހަމަލާތައް އިތުރުވާތީ ރަތްކަނޑުގެ ސަލާމަތަށްޓަކައި އެމެރިކާ ނިކުމެއްޖެ
ރަތް ކަނޑުން ދަތުރު ކުރަމުންދާ އާގު ބޯޓު ފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހަމަލާ އަމާޒުވާތީ އެމެރިކާ އިން އެކަމާ ދެކޮޅަށް ތެދުވެ، އެ ގައުމަށް ވާގިވެރިވާ 10 ގައުމަކާ އެކީގައި ކޯލިޝަނެއް ހަދައި ހޫތީންނާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ނެރުއްވި ބަޔާނެއްގައި އެމެރިކާއިން އިސް ނަގައިގެން ކުރާ ބައިނަލްއަގުވާމީ މަސައްކަތުގައި ބައެއް ގައުމުތަކުން ބައިވެރިވާކަން ފާހަގަކުރައްވައިފައިވެ އެވެ. 

އެމެރިކާއިން އިސްނަގައިގެން ކުރާ އެ މަސައްކަތުގައި ބައިވެރިވާ ގައުމުތަކަކީ އިނގިރޭސިވިލާތް، ބަޙްރެއިން، ކެނެޑާ، ފަރަންސޭސިވިލާތް، އިޓަލީވިލާތް، ނެދަރލޭންޑްސް، ނޯވޭ، ސޭޝެލްސް އަދި ސްޕެއިން އެވެ. މިފޯސްގައި ސައޫދީއާއި ޔޫއޭއީ ބައިވެރިކުރުމަށް އެމެރިކާ ކުރި މަސައްކަތް ކާމިޔާބުވެފައިނުވާކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ. 

ޔަމަނުގައި ހަރަކާތްތެރިވާ ދުނިޔޭގެ ބޮޑު ބާރު އީރާނަށް ތާއީދުކުރާ ހޫތީން ދަނީ ގާޒާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިރުމަތީ ހުޅަނގުގެ ވިޔަފާރީގެ ފުރުސަތުދޭ މަގު، ސުއޭޒް ކެނަލުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ ރިސްކް އިންޝުއަރެންސް އަގު ވަނީ ބޮޑުވެފަ އެވެ. 

އަދި ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ވެސް މިހާރު ވަނީ ރަތް ކަނޑުން ދަތުރު ކުރުން ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

މީގެ ކުރިން ޑެންމާކުގެ މެއާސްކް ކުންފުންޏާއި ޖަރުމަނުގެ ހާޕަގް ލޮއީޑް ކުންފުނިން ވެސް ވަނީ ރަތް ކަނޑު ބޭނުން ކުރުން ހުއްޓާލަން ނިންމާފައި ވާކަން އިއުލާނުކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޝިޕިން ކުންފުނިން ރަތް ކަނޑު ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައި މިވަނީ އިޒްރޭލުން ފަލަސްތީނާ ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަތް ކަނޑުގެ ދޮރާށި ކަމުގައިވާ ބާބުލް މަންދިބު ހުރަސްކުރާ އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ތަކުރާރުކޮށް ހޫތީން ހަމަލާދެމުން ދާ ދިއުމާ ގުޅިގެންނެވެ.

ގާޒާގައި ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލު ސިފައިން ހިންގަމުންދާ ގަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުން ހޫތީން އެންމެ ފުރަތަމަ ބޯޓެއް ހިފަހައްޓައި ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އެއީ ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ އިޒްރޭލުގެ ގެލެކްސީ ލީޑަރެވެ.

ރަތް ކަނޑު ހިމާޔަތް ކުރުމަށް "އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން" ނަމުގައި އެމެރިކާއިން އެކުލަވާލި މިލިޓަރީ ފޯސްގެ މައިގަނޑު ބޭނުމަކީ ހޫތީންގެ ހަމަލާތައް ހުއްޓުވައި ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ ބޯޓު ފަހަރަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުން ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ނެރުއްވި ބަޔާނުން ސާފު ވެއެވެ.

އެމެރިކާ އަދި ޔަހޫދީ އިޒްރޭލުން ވަނީ ހޫތީންގެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅައި ދިނުމަށް އދ. ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ވެސް ގޮވާލައިފަ އެވެ.

your imageއިސްރާއީލަށް ނިސްބަތްވާ އާގު ބޯޓަކަށް ހެލިކޮޕްޓަރެއްގައި ހޫތީ ހަނގުރާމަވެރިން އަރަނީ

ނަމަވެސް ހޫތީން ބުނެފައި ވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތައް ހުއްޓައި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހި ކޮށްނުދެނީސް އިޒްރޭލަށް ވާގިވެރިވާ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އެއްވެސް އުޅަނދަކަށް ރަތް ކަނޑުގައި އަމާން ކަމެއް ނޯންނާނެ ކަމަށެވެ.

ހޫތީންގެ އަންސާރުﷲ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އަލީ އަލް ގަހޫމް ލުބުނާނުގެ އަލް މަޔާދީން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔަމަނު އޮތީ ހުޅަނގާއި އިޒްރޭލު އަދި އެމެރިކާއިން ވެސް އަތުވެދާނެ ކޮންމެ ހަމަލާއަކަށް ދިފާއީ ގޮތުން ތައްޔާރަށް ކަމަށެވެ.

"އިޒްރޭލާއި އެމެރިކާއިން ނުވަތަ ހުޅަނގުން އަންނަ އެއްވެސް އިންޒާރަކާ ހެދި އަހަރުމެން، ހޫތީން ފަލަސްތީނު ދޫކޮށެއް ނުލާނަން،" އަލް ގަހޫމް ވިދާޅުވި އެވެ.

ހޫތީންނަކީ ބައިނަލްއަގުވާމީ ގޮތުން އެއްވެސް ގައުމަކުން ސަރުކާރެއްގެ ގޮތުގައި ބަލައިގަންނަ ބައެއް ނޫނެވެ. ނަމަވެސް ޔަމަނުގެ ދާހިލީ ހަނގުރާމައަށްފަހު ހޫތީން ގެންދަނީ އަމިއްލަ ދައުލަތެއް ގާއިމުކޮށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް