ގައުމީ ސަލާމް ކިޔުމާއި ދިވެހި ދިދައަށް ސާލްމާކުރުމާއި ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ މޭމަތީ އަތް ބާއްވައިގެން ހރާމް ކުރާނެ އެއްވެސް ސައްހަ ދަލީލެއް ނެތްކަމަށް ބުނެ ފަތުވާ މަޖިލީހުން އިއްޔެވަނީ ފަތުވާނެރެފައެވެ. ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ ގައުީ ސަލާމް ކިޔުމާއި، ގައުމީ ސަލާމް ކިޔުމާއި ވަގުތު މޭމަތީ އަތްއެޅުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފއިވާ އެއްވެސް އަޅުކަމަކާއި ގުޅުމެއް ޮއތްކަމެއް ނޫންކަމަށެވެ. އަދި އޭއީ އާދަކާދަތަކާއި ގުޅިފައިވާކަމަކަށް ވުމުން އެކަން ހުއްދަވާނެކަމަށް އެ ފަތުވާފައި ވެއެވެ.
ފަތުވާ މަޖލީހުގެ މި ނިންމުމަށް ފާޑު ކިޔާ ދީނި އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ބުނީ މަޑުމޮޅިކަމާ ކިޔަމަންތެރިކަމާއެކު އިޙްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށްތެދުވެ ހުންނަ ހުރުމަކީ އަޅުކަމުގެ ތެރެއިންވާކަމެއް ކަމަށައި އެފަދައިން އެއްވެސް މީހެއް އަދި އެއްޗެއްގެ ކުރިމަތީގައި އެއީ ދިދަކަމަށް ވިިޔަސް ހުއްޓި ހުރުން ހުއްދަވެގެން ނުވާކަމަށެވެ.
ފަޒްލޫން ބުނީ މިއުޒިކު ކުޅުމާއި އެ އަޑުއެހުމުގެ ޙަރާމްކަމަކީ 4 މަޒުހަބުގެ އިމާމުންވެސް އެކަމުގެ ޙަރާމްކަމަށް އިޖުމާއުވެފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން އެފަދަ އެއްޗެއް އަޑުއެހުމާ އެއަށް އިޙްތިރާމު އަދާކުރުންވެސް ހުއްދަވެގެން ނުވާކަމަށްވެސް ފަޒްލޫން ބުނެއެވެ.
ފަޒްލޫން ބުނީ ވެރިންގެ ރުހުމަށް އެދި ފަތުވާ ނެރުނު މަޖުލީހުގައި ތިބި ގިނަ މީހުން މިއުޒިކުގެ ޙަރާމްކަމާމެދު ވާހަކަ ދައްކާ އަޑު 2008 ވަނަ އަހަރު، އެނާގެ ކަންފަތުގައި ޖެހިފައިވާކަމަށެވެ. އަދި މިއަދުގެ ފިޤުހު ނެރުނީ ކޮން ދިމާލަކުންކަން ނޭގޭކަމަށް ވިދާޅުވެ ފަޒްލޫން ވަނީ ދީނީ އިލްމުވެރިން މިއުޒިކާއި ލަވައާއި ދެކޮޅުކަމަށް ބުނެ ދައްކާފައި ހުރި ވާހަކަތައް ހިމެނޭ ޔޫޓިއުބް ލިންކެއް youtu.be/n_JlCPRSIJM?feature=shared ޝެއަރކޮށްފައެވެ.
މިދިޔަ ވެރިކަމުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ފަޒްލޫންގެ އިތުރުން ޝެއިހް އާދަމް ނިޝާނަސްވެސް ވަނީ ދައުވާކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ވަނީ ކޯޓްގައި ފަށާފައެވެ.