ads
100 ޑޮލަރުގެ ވަގު ނޫޓްތަކެއް ދައުރުވަތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ޔޫއެސް ޑޮލަރުގެ 100ގެ ސައްހަ ނޫން ނޫޓުތަކެއް ދައުރު ވަމުން ދާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މި ނޫޓްތަކަކީ 1996 ން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓަކުން ފާހަގަކުރެވިފައިވާ ނޫޓެކެވެ. 

މިގޮތުން ސައްހަނޫން ނޫޓްތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތަކަކީ: 

  • ސައްހަ ނޫޓްތަކާ ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
  • ނޫޓް އައްޔައް ދިއްކުރުމުން ނޫޓުގެ ކަނާއަތް ފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ (ވޯޓާ މާކް) ސައްހަ ނޫޓް އާއި ތަފާތުކޮށް ހުރުން 
  • ނޫޓް އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތް ފަރާތުން ފެންނަން ހުންނަ ''USA 100''ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން
  • ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން
  • ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތިގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރު ނެތުން
  • ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން  

އެމްއެމްއޭއިން ބުނީ  ޑޮލަރުގެ 100 ނޫޓުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި، ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެ އޮތޯރިޓީއަށް ގެންގޮސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް