މިދިޔަ ސަރުކާރުގައި ޓްއަރިޒަމް މިނިސްޓަރުންކަން ކުރެއްވި އަލީ ވަހީދު ބުނީ އޭނާ ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރަން ނިންމީ ކުޅުދުއްފުއްޓަށް ހައްޤު އިންޤިލާބީ ބޮޑު ބަދަލު ހޯދުމަށާއި ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށްކަމަށެވެ.
އަލީ ވަހީދު މި ފަހަރުގެ އިންތިހާބަށް ނުކުންނާނީ ދާދީ ފަހުން އެނާ ސޮއިކުރި އެމްޑީޕީ މެމްބަރެއްގެ ގޮތުގައެވެ. ޑީއާރުޕީން ސިޔާސީ ހަރަކާތް ފެށި އަލީ ވަހީދު ވަނީ ރައީސް މައުމޫންގެ ވެރިކަން ވެއްޓި އެމްޑީޕީގެ ފުރަތަމަ ވެރިކަން ފެށުނުތާ ކުރީކޮޅު އެޕާޓީއަށް ސޮއިކޮށްފައެވެ. އެހެންނަމަވެސް 2018 ވަނައަހަރު ރިޔާސީ އިންތިހާބުގެ ދުވަަސްވަރު އެމްޑިޕީން ވަކިވެ ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު މި މަހުގެ 7 ވަނަދުވަހު އޭނާ ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.
މިދިޔަ ވެރިކަމުގައި ޓެއަރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައެވެ. އެހެންނަމަވެސް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ރައީސް ސާލިހް އަލީ ވަހީދު ވަޒީރުކަމުން ވަކިކުރިއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކޮށް ޝަރީއަތް ހިގަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 2021 ވަނައަހަރުގެ ފެބްރުއަރީ މަހު އިނގިރޭސިވިލާތަށް ފުރައިގެންދިޔައެވެ. އެދިޔަ ގޮތަށް ރާއްޖެއިން ބޭރުގައި އެތައް ދުވަހެއް ވަންދެން ހުންނެވުމަށްފަހު އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބާއި ދިމާކޮށް މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
އިނގިރޭސި ވިލާތުގައި އަލީ ވަހީދު ހުންނަވަނިކޮށް އެގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެފަހަރު އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅާ އިނގިރޭސި ސަރުކާރުން ވަނީ އަލީ ވަހީދުގެ ކިބައިން މައާފަށް އެދި ބަދަލެއްގެ ގޮތުގައި 20،000 ފައުންޑް ދިނުމަށް ނިންމާފައެވެ.