ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާރިފް ވިދާޅުވީ، މި ގޮތަށް ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމަކީ މީގެކުރިން ދުވަހަކުވެސް ދިމާވި ކަމެއް ނޫން ކަމަށެވެ.
މީގެ ކުރިން ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އާރިފް ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު ރައީސް ސޯލިހް ފޮނުއްވި ކެބިނެޓަށް އެ ބޭފުޅުންވެސް އެއްވެސް ދެކޮޅުވެރިކަމެއް ނެތި ރުހުން ދެއްވި ކަމުގަ އެވެ. އަދި އޭރު އެކަމުގައި އަމަލު ކޮށްފައިވާނީ މަޖިލީހުގެ ތެރޭގައި އޮންނަ އިޖުރާތްތަކުގެ ތެރެއިން ކަމަށް އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ކެބިނެޓަށް ވަޒީރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތަށް ކަމަށެވެ. އަދި އެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމުން މަޖިލިހުން މިފަދަ ގޮތަކަށް ކަންތައް ކުރާތަން ކުރިން ދެކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ގާނޫނުގައި އޮތް ގޮތުގެ މަތިން ވަޒީރުންނަށް ރުހުން ހޯދުމަށް ފޮނުއްވުމުން، މަޖިލިހުގައި އެގޮތަށް ކަންކުރުމަކީ އެމްޑީޕީގެ މަދު މަޖިލިސް މެންބަރުން ތަކެއް ހިންގާ ކަމެއް ކަމަށާއި، އެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުން މިކަމާ ދެކޮޅު ކަމަށް އާރިފް ވިދާޅުވި އެވެ.
އަދި ސަރުކާރުގެ "ޅަފަތުގައި" މިފަދަ ގޮތަކަށް ކަންތައް ކުރުމަކީ އެމްޑީޕީގެ އާންމު މެންބަރުންވެސް ރުހޭނެ ކަމެއް ނޫން ކަމަށް އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ މި ސަރުކާރުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާނެހެން ރީތިކޮށް، އޮމާންކޮށް ކަންކަން ކުރިއަށް ގެންދަވަނިކޮށް މަޖިލިހުން މިފަދަ 'ސަކަރާތެއް' ޖެހުމަކީ ރައްޔިތުންވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން އާރިފް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ކެބިނެޓަށް އައްޔަން ކުރައްވާފައި ތިބީ ކަމަށް ގާބިލް ބޭފުޅުން ކަމުގަ އެވެ. އަދި ރައީސްގެ ވައުދުފުޅުތައް ފުއްދެވުމުގައި ވަޒީރުން މިހާރުވެސް ރެއާއި ދުވާލު މަސައްކަތް ކުރައްވާ ކަމަށާއި، ފަހަތަށް ޖެހުމެއް ނެތި ރައްޔިތުންގެ ހައްގުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް އެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.
ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި އޮތީ ގަވައިދާ ހިލާފަށް ކަމަށް ނިންމައި، ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.