ads
ޕާޓީ ބައްދަލުވުންތަކާއި ޓީވީ ޕްރޮގްރާމްތަކުގެ ހުއްދަ ޔާމީނަށް ނުދިން
ލުއި ހޯދުމަށް އެދިފައި ވާނީ ޕާޓީގެ ފަރާތުން ބައްދަލުކުރަން ޖެހޭ މީހުންނާ ބައްދަލު ކުރުމަށާއި ޓީވީތަކަށް އަރައި އިންޓަވިއު ދިނުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު، މިނިވަން ކުރާނެ ކަމަށް ވައުދުވެފައިވާ ރައީސް ޔާމީންގެ ބަންދަށް ލުއި ނުދޭން، ސަރުކާރުން ވަނީ ނިންމާފަ އެވެ. ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ލުއި ނުދޭން ސަރުކާރުން ނިންމީ، އިތުރު ލުއި ހޯއްދެވުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެކަމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ކޮން ލުއިތަކަކަށް ކަމެއް ކުރިން އާންމުކޮށް އެނގިފައެއް ނެތެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ލީގަލް ޓީމުގައި ހިމެނޭ ޝަމީމް މިއަދު ވަނީ އެ މައުލޫމާތު ހިއްސާކޮށްފަ އެވެ. 

އެއީ ބަންދުގައި ހުންނަވާ މުއްދަތުގައި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ޕާޓީ އޮފީހަށް ގޮސް މީހުންނާ ބައްދަލު ކުރުމުގެ ހުއްދަ އެވެ. 

ޝަމީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ބަންދަށް ކުރިން ދިން ލުއިތަކެކޭ އެއްގޮތަށް ފަހުން އެދުނު ލުއިތައް ދިނުމަށްވެސް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ރައީސް ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް