ads
ޑްރަގްގެ ފަރުވާ ކިއުގައި ތިބި 700 މީހުންގެ ފަރުވާ އަވަސް ކުރަނީ
މަސްތުވާތަކެތީގެ ފަރުވާ ކިއުގައި 700 މީހަކު ފަރުވާ ނުލިބި އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ހޯމް ލޭންޑް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން ހުކުމް ކޮށްފައިވާ 700 މީހަކަށް ފަރުވާ ނުދެވި އެބަތިބި ކަމުގަ އެވެ.

އެހެންކަމުން އެ މީހުންގެ ފަރުވާ އަވަސް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ 700 މީހުންގެ ފަރުވާގެ މަސައްކަތް ފުރިހަމަކުރެވުން ކަމަށް އިމާދު ވިދާޅުވި އެވެ.

"ކުރެވިފަހުރި ރިހެބިލިޓޭޝަން އަމުރުތަކާ އެއްގޮތަށް ކްލައިންޓުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށްޓަކައި މުޅި އެންޑީއޭގެ ޓެކްނިކަލް ޓީމް އަދި އިދާރީ ޓީމް އެކުލެވިގެން ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މިހާރު މި ދަނީ މަސައްކަތް ކުރަމުން،" - އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު

އިމާދު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހާއްސަ މުވައްޒަފުން ތަކެއް ނަގައިގެން، ފަރުވާ ލިބެން ޖެހޭ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އިމާދު ވިދާޅުވި ގޮތުގައި ފުލުހުންނާއި ޑްރަގް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި އެންޑީއޭ ގުޅިގެން މާލޭގެ މަގުމަތީގައި ސަލާން ޖަހަން ތިބޭ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ ރޯދަ މަހުވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން އެންޑީއޭގެ މަސައްކަތްތައް ފުޅާކުރުމަށް އަންނަ ކަމަށް އިމާދު ފާހަގަކުރެއްވި އެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ލ. އަތޮޅުގައި އެންޑީއޭގެ ފަރުވާގެ ހިދުމަތް ފެށޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. އަދި މިހާރު ހިދުމަތް މެދުކެނޑިފައި ހުރި ހދ. ހަނިމާދޫގެ އެންޑީއޭގެ ސެންޓަރުގެ މަސައްކަތް އަލުން ފަށައި، ނ. ވެލިދޫގައިވެސް ފަރުވާގެ ހިދުމަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިމާދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް