ads
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް - ފޮޓޯ:ރައީސް އޮފީސް
ރަޖިސްޓްރީކޮށްފައިވާ ނޫހަކަށް ފިޔަވަޅުނާޅަން، ބަޔާން ނެރުނުއިރު ބަލާފައެއް ނެތް
ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށާއި ބަޔާން ނެރުނުއިރު ބަލަންވާ ވަރަށް ބަލާފައި ނެތް ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާނެއް ނެރުމުގެ ކުރިން ބަލަންވާ ވަރަށް ކަންކަން ބަލާފައި ނުވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.

"ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު ނާޅައި، ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު

ރައީސް އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު، އެމްޖޭއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކުރި ކުރުން އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަަމަށެވެ.

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަަމަށްވެސް ވަނީ ބުނެފަ އެވެ. 

ދެ ސައިޓް ބްލޮކްކޮށްލުމާ ގުޅިގެން ތަރުޖަމާނު ޝަހީބު މިއަދު އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ގާނޫނާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ބަންދުކޮށް ނުވަތަ ބްލޮކް ނުކުރާނެ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި އެޑްމިނިސްޓްރޭޝަނުން ކަށަވަރުކުރާނެކަމުގެ ޔަގީންކަން އެ ޕޯސްޓުގަައި އޭނާ ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް