ads
ހެންވޭރުު ހުޅަނގު ދާއިރާގެ މެންބަރު ހަސަން: އޭނާ ހުށަހެޅުއްވި ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު ވަނީ އަނބުރާ ގެންދަވާފައި - ފޮޓޯ:މަޖިލިސް
ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ މެންބަރަކު އިންތިހާބުވި ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، މެންބަރުކަމުން ވަކި ކުރެވޭ ގޮތް ހެދުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހެންވޭރުު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް، މަޖިލިހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާންމު ވޯޓުގައި މެންބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނު ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ހަސަން އެ އިސްލާހު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. މެންބަރުކަމުން ވަކި ކުރެވޭ ހާލަތްތައް ބަޔާންކޮށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައި ވިނަމަވެސް، ހަސަން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށެވެ. އެ އިސްލާހުގައި މެންބަރު ވަކިކުރުމަށް ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރުގެ ގޮނޑި ގެއްލުމުގެ އިތުރުން މެންބަރުކަމުން ވަކިވާނެ އިތުރު ހަތަރު ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ.

ހަސަންގެ އިސްލާހުގައި ވަނީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލިހަށް އިންތިހާބުވުމަށްފަހު އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް، ދައުރުގެ ތެރޭގައި ޕާޓީއަކާ އެ މެންބަރަކު ގުޅިއްޖެނަމަ އެ މެންބަރުގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ހަސަންގެ އިސްލާހުގައިވެ އެވެ.

ސިޔާސީ ޕާޓީއަކުން މަޖިލިހަށް އިންތިހާބުވި މެންބަރަކު އެ ޕާޓީގެ ނިންމުތަކާ ހިލާފުވެ މަޖިލިހުގެ ފްލޯގައި ނުވަތަ ކޮމެޓީއެއްގައި ވިޔަސް ވޯޓުދޭ ގޮތަކުން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވެ އެވެ. އަދި ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓުދީގެން ނޫން ގޮތަކަށް ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރަކު އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރަން ނިންމައިފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ވެސް ހަސަން ހުށައެޅުއްވި އިސްލާހުގައިވެ އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން، މަޖިލިހުގެ ރައީސް ވަނީ މެންބަރުން ހުށަހެޅުއްވި ބައެއް އިސްލާހުތައް އަނބުރާ ގެންދަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް