އުރީދޫ މޯލްޑިވްސްއިން ބުނީ މި އަހަރުގެ ދުވުމުގައި 6،000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކޭ ގެ މި އުފާވެރި އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެންދިޔަ ކަމަށެވެ. އުރީދޫ ފަން ރަން ކުރިއަށް ދިޔައީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފުރަތަމަ ފިޔަވަހި އަދި އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަންއަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާ އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.
އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި ލާމު އަތޮޅުގެ ކައުންސިލް ރައީސް، އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު އަލްއުސްތާޒާ ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
އުރީދޫ ފަން ރަން 2023 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރުން އިފްތިތާހުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ ހިތްގައިމު ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ލ. އަތޮޅުގެ ކައުންސިލް ރައީސްއަށް އަރުވާފައިވެ އެވެ.
ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު، ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި، ކުލަ އާއި އޮބްސްޓެކްލްސް އަދި މަޖާ ފޯމް ޕާޓީއެއް ފެނިގެން ދިޔަ ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނެފައި ވަނީ މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕްގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަންވެސް ފާހަގަކޮށްފައި ކަމަށެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާއި ފަން ރަންގެ މެޑަލް ދައްކާލައި ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ފޮޓޯތައް ވަނީ ދުވުމުގެ ބައިވެރިން ހިއްސާކޮށްފަ އެވެ.
އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ އަންނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުންނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.