މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިހުމާލުވަމުންދާތީ އެ ޕާޓީން ކަންބޮޑުވާކަމަށެވެ.
ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެ ޕާޓީން ދެކޭ ގޮތުގައި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ އެ ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައިވާކަން ފާހަގަކޮށް، އެމްޑީޕީން ބުނީ އެ ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމަށެވެ.
ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށް އެ ޕާޓީން ދެކޭކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އެންމެހާ މެންބަރުންގެ ދުއާއަކީ ނައީޝް ހެޔޮ ހާލުގައި ފެނުންކަމަށާއި މި ހިތާމަވެރި ވަގުތުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާކަމަށެވެ.
ނައީޝް ހޯދުމަށް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިޔު އިން ބޮޑު ބައެއް ވައިގެ މަގުންނާއި ކަނޑުމަގުން މިހާރު ބަލާފައިވާއިރު، އެރަށުގެ ރައްޔިތުން ވެސް ދަނީ ނައީޝް ހޯދުމަށްޓަކައި އެމީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ.
ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު ބެލައިފައިވާއިރު، ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ވަނީ ބަލާފައެވެ.
ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ބުނެއެވެ.