މިއަދު އެމްއެންޑީއެފްގެ އިންޓަގްރޭޓެޑް ހެޑްކުއަޓާސްގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުލް ރަހީމް ވަނީ އިންޑިއާ ސަފީރުގެ އިތުރުން އެގައުމުގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ދީޕަކް ބާލީ އާއި ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު އަބްދުލް ރަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެބައްދަލުވުމުގައި ދެގައުމުގެ މެދުގައި ދިފާއީ ގޮތުން ކުރިއަށްދާ ހަރަކާތްތަކުގައި، އެެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.
އެ ބައްދަލުވުމަށް ފަހު އިންޑިއާ ސަފީރު މަހާވަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖެ-އިންޑިއާ ދިފާއީ ގުޅުން އިތުރަށް ބަދަހި ކުރާނެކަމަށް އުއްމީދުކުރާކަމަށެވެ.
މިއަދު ޗީފް އޮފް ޑިފެންސް ފޯސް އަބްދުލް ރަހީމް އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވި ރާއްޖެ އިންޑިއާ ގުޅުން ވަނީ އާ ސަރުކާރާއެކު ހީނަރުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.