ads
އައްމަޓީ މިއަދު ފުރާފާނެ، މައްސަލަ ސުޕްރީމް ކޯޓަށް
ސީލައިފް އައްމަޓީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފިއެވެ.

ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ދިން ހުއްދައިގެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމީ، ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އެ މައްސަލަ އިއްޔެ އައްމަޓީއާ އެއްކޮޅަށް ނިންމުމުންވެ.

ސީލައިފް އަންމަޓީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. 

އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެއީ މި މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު އިއްޔެގެ ނިޔަލަށްވަނީ ހަމަ ވެފައެވެ. އެ މައްސަލައިގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ދިން ހުއްދަ ރަނގަޅު ކަމަށް ކަނޑައަޅައިފަ އެވެ. 

މިއަދު މެންދުރުފަހު 1:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފުރުމުގެ ހުއްދަ ދިނުމުގެ ނިންމުން މުރަޖައާ ކުރުމަށް އަޑުއެހުމެއް ވެސް ތާވަލުކޮށްފައިވެ އެވެ. ފުރުމުގެ ފުރުސަތު އަންމަޓީއަށް އަދި ނުލިބި އޮވެފައި ހައި ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓަށް އެ ހުއްދަ އަލުން ދެވިދާނެ އެވެ. އަދި އެހެން ވެއްޖެނަމަ މިއަދުން މިއަދަށް އައްމަޓީ ފުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާތީ، އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ކްރިމިނަލް ކޯޓުގެ އެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް