ads
މީޑިއާގެ ސިޔާސަތުތައް ކަނޑައަޅާ ކޮމިޓީގައި އެމްޖޭއޭއިން ބައިވެރިނުވަން ނިންމައިފި
އިންޓަނެޓް ސެންސާޝިޕް މައްސަލައިގައި މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ކަނޑައެޅި ކޮމިޓީގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ) އިން ބައިވެރިނުވަން ނިންމައިފި އެވެ.
Advertisement

އެމްޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުން އައި ތިން ވެބްސައިޓެއް ރާއްޖޭގައި މަނާކޮށް ބްލޮކްކުރުމާ ވިދިގެން އެ ޖަމިއްޔާ އާއި މީޑިއާގެ އެކި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އިސްނަގައިގެން 24 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި މި ޖަމްއިއްޔާއިން ވާނީ ސަރުކާރުން މިހާރު ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތުގެ ސަބަބުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގަށް ހުރަސްއެޅޭތީ އެ ސިޔާސަތާ ދެކޮޅު ހަދައިފަ ކަމަށެވެ.

 އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުތައް އެއްވެސް މިންވަރަކަށް ހަނިކުރަން ވާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވެގެން ރައްޔިތުން މަޖިލީހުން ހަދާ ގާނޫނަކުން ކަމުގައި ސަރުކާރަށް ދަންނަވާފަވާނެކަމަށް އެމްޖޭއޭއިން ބުނެއެވެ.
އެގޮތުން އެ ޖަމިއްުޔާގެ އެކްސްކޯއިން ނިންމައިގެން އެ ބައްދަލުވުމުގައި ސަރުކާރަށް ހުށަހަޅާފަވަނީ: 

• ސަރުކާރަށް ފާޑުކިޔައި ލިޔުންތަކެއް ޝާއިއުކުރަމުން ދަނިކޮށް ބަންދުކޮށްފައިވާ ދެ ވެބްސައިޓް ބްލޮކްކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުން.

• ސަރުކާރުން ބްލޮކްކޮށްފައިވާ އަދި ބްލޮކްކުރަން އެދިފައިވާ ވެބްސައިޓްތަކަކީ ކޮބައިކަން ހާމަކުރުމާއި އެ ވެބްސައިޓްތައް ބްލޮކްކުރި ސަބަބުތައް ވެސް އާންމުންނަށް އެނގޭނޭހެން އާންމުކޮށް ހާމަކުރުން؛ އަދި ބްލޮކް ކުރުމަށް ފަހު އެކަން ނިމުމަކަށް ގެނެސްފައިވާ ސައިޓްތަކަކީ ކޮބައިކަން ވެސް ހާމަކުރުން.

• ގާނޫނަކުން އިންތަކާއި ހުދޫތަކެއް ކަނޑައެޅިގެން ނޫން ގޮތަކަށް ސަރުކާރުން ދެން އިތުރަށް އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރާނޭކަމުގެ ޔަގީންކަން ދިނުން. 

އެ ކަންކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި، މިނިވަން ޒިންމާދާރު މީޑިއާ އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމްކުރުމަށް ވަކާލާތުކުރާ ހުރިހާ ސީނިއާ އެޑިޓަރުން ތާއީދުކުރައްވާފައިވާކަމަށް އެމްޖޭއޭއިން ބުނެއެވެ. 

ކަންކަން އިސްލާހުކުރުމުގެ ގުޑްވިލް އޮތްކަން ދެއްކުމުގެ ގޮތުން، މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި މިކަންކަމުގެ ކަށަވަރުކަމަށް މި ޖަމްއިއްޔާއިން އެދުނު ނަމަވެސް އެ ބައްދަލުވުމަށް 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް އެދެވޭ އެއްވެސް ޖަވާބެއް ދީފަނުވާކަމަށް އެމްޖޭއޭއިން ބުނެއެވެ. 

"އެހެންކަމުން މި ޖަމްއިއްޔާގެ އެކްސްކޯއިން މިހާރު ނިންމާފައިވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށް ބުނެ އެ ބައްދަލުވުން ނިންމާލަމުން ނެގި ހަތް މެންބަރުންގެ ކޮމިޓީގައި މި ޖަމްއިއްޔާ ބައިވެރިނުވެ ތަނާޒުލްވުމަށެވެ." އެމްޖޭއޭގެ ބަޔާނުގައި ބުނެއެވެ.

  އެގޮތަށް އެމްޖޭއޭގެ އެކްސްކޯއިން ނިންމި ސަބަބުތަކަކީ:

• ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގު ކަށަވަރުކުރަން އިސްލާހީ ފިޔަވަޅު އަޅައި ސަރުކާރުގެ ގުޑްވިލް އޮތްކަން ދެއްކުމަށް ލިބުނު ފުރުސަތުގެ ބޭނުން ސަރުކާރުން ހިފާފައި ނުވާތީ 

• މި ގޮތަށް ރޫހު ހުރުމުން އެ ކޮމިޓީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި މިނިވަން  ޒިންމާދާރު މީޑިއާއަކަށް ފަހިވާނޭ ގޮތަށް ނަތީޖާއެއް ނެރެވޭނޭ މައުނަވީ މަސައްކަތްތަކެއް އެ ކޮމިޓީގައި ތިބެގެން ކުރެވޭނޭ ކަމަށް ގަބޫލު ނުކުރެވުން 

• ކަންކަން ބަލައި ދިރާސާކުރި އިރު އެ މަޝްވަރާ ބައްދަލުވުމުގައި ކޮމިޓީ އެކުލަވާލުމަށް ނަންތައް ހުށަހެޅުނު ގޮތާއި ވޯޓަށް އެހުނު ގޮތުގައި އިންސާފުވެރި ނޫން ގޮތްގޮތަށް ކަންކަން ގޮސްފައިވާ ކަމަށް ބަލާނޭ ގިނަ ސަބަބުތަކެއް ހުރުމުން

އެގޮތައް ކަންތައް ދިޔުމަކީ އެ ޖަމިއްޔާއިން ކަންކަންވުމަށް އެންމެ އެދުނު ގޮތެއް ނޫންކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ  ކަންކަން އެހެން ހިނގުމަކީ އެ ޖަމިއްޔާއިން ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި ޖަމްއިއްޔާއިން އަބަދުވެސް މަސައްކަތް ކުރާނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންނަށް މައުލޫމާތު ލިބުމާއި ދިނުމުގެ ހައްގުގެ ދިފާއުގައެވެ. އަދި ގާނޫނުއަސާސީން މަގުދައްކައިދޭ ގޮތަށް މެނުވީ މި ހައްގުތައް ހަނިކުރުމަށް އެއްވެސް ސަރުކާރަކުން އަދި ދައުލަތުގެ އިދާރާއަކުން އެކަށައަޅާ ސިޔާސަތަކަށް މި ޖަމްއިއްޔާގެ ތާއީދު ނޯންނާނެ ކަމާއި އެ ހައްގުތައް ދިފާއުކުރުން މަތީ ދެމި ތިބޭނޭ ކަމުގެ ޔަގީންކަން މި ޖަމްއިއްޔާއިން ރާއްޖޭގެ އެންމެހާ ނޫސްވެރިންނާއި ޖުމްލަކޮށް މީޑިއާގެ ހުރިހާ ބޭފުޅުންނަށް އަރުވަމެވެ." އެމްޖޭއޭއިން ބުނެއެވެ.


 ކޮންމެ ސަރުކާރަކުން ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ މިނިވަންކަމަށް ފަހިވާ ގޮތަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އެ ޖަމިއްޔާ އާއި ނޫސްވެރި އާއިލާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް އެމްޖޭއޭއިން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް