ads
މިނިސްޓަރު އަސްވާޑު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ-- ފޮޓޯ: ޔޫތް މިނިސްޓްރީ
އާ އަހަރު ފާހަގަކުރަން ފެސްޓިވަލެއް ބާއްވަނީ
އާ އަހަރު ފާހަގަ ކުރުމަށް ފެސްޓިވަލެއް ބާއްވަން ނިންމާފައިވާކަމަށް ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ޔޫތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރު އަސްވާޑް ވިދާޅުވީ "ދިވެހިންގެ ރާއްޖެ" ނަމުގައި އާ އަހަރު ފާހަގަ ކުރަން ބާއްވާ ފެސްޓިވަލުގައި އެންމެ އިސްކަން ދޭނީ ދިވެހި ފަންނާނުންނަށް ކަމަށެވެ.

"އާ އަހަރު ފާހަގަ ކުރަން ކޮންމެ އަހަރަކު ވެސް ބާއްވަނީ މިއުޒިކް ޝޯއެއް. ނަމަވެސް މި ފަހަރު މިބާއްވަނީ ފެސްޓިވަލެއް. ފެސްޓިވަލުގެ ތެރޭގައި ޝޯއެއް ވެސް ބާއްވާނެ. މިފެސްޓިވަލުގައި ދިވެހި ފަންނާނުންނަށް އިސްކަން ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެސްޓިވަލުތެރެއިން ދިވެހި ފަންނާނުން ބައިވެރިގެން ލޭޒާ ޝޯއެއް ވެސް ބާއްވާނެ ކަމަށާއި ކުޑަކުދިންގެ ހަވީރެއް އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓްރީގެ ސީނިޔަ ލީގަލް އޮފިސަރު ޖައިލަމް ތައުފީގު ވިދާޅުވީ ވަރަށް ފުޅާކޮށް ހިންގާ ހެކަތޯން އެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިކަމަކީ ފަންނީޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ އިވެންޓެއްކަމަށެވެ. 

އޭނާ ވިދާޅުވީ މި އިވެންޓު ޖެނަވަރީ ފުރަތަމަ ހަފްތާތެރޭގައި ކުރިޔަށް ގެންދެވޭނެކަމަށާއި މި އިވެންޓަކީ 24 ގަޑިއިރަށް ކުރިޔަށްދާ އިވެންޓަކަށް ވެގެން ދާތީ މިހާރު މިކަމާއި ގުޅޭ މަޝްވަރާތައް ކަމާއި ގުޅުން ހުރި ފަރާތް ތަކާ އެކު ކުރިޔަށް ދާކަމަށެވެ. 

މި އިވެންޓުގެ އިތުރުން ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިޔަށް ދިއުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ ސިޔާސަތާއި ގުޅުވާލައިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާކަމަށާއި މިކަމުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ޖައިލަމް ވިދާޅުވި އެވެ. 

"މި ކަމާ ގުޅިގެން މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއެކު މިދަނީ މަޝްވަރާ ކުރަމުން. މިކަމުގެ ސަބަބުން ޒުވާނުންނަށް ދިމާވެފައިވާ ވަރަށް ގިނަ ކަންކަން ހައްލުވެގެން ދާނެ،" ޖައިލަމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް