ދިވެހި ރާއްޖޭގެ އަޑަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ އަޑުން ކުރިއަށް ގެންގޮސްފައިވާ ޚާއްސަ ޕްރޮގްރާމެއް ކަމަށްވާ ބާއްޖަވެރި ހެނދުނެއް ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އަޑަކީ ވޭތުވެ ދިޔަ 61 އަހަރުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަނެއްކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ހިންގަމުންދާ ބައެއް ކަންކަމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އަލި އަޅުއްވާލައްވާފައިވެއެވެ.
އެހުންތެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މާލެއާ ވިލިނގިލި އަދި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ހަނދަމުންދާ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅައި ކުރެވެމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މާލެއާ މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ދަޢުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ރައީސް ތަކުރާރު ކުރެއްވިއެވެ.
މި ޕްރޮގްރާމްގައި އެހުންތެރިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން ރައީސްގެ ދެކަނބަލުން އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.