ސްޕޯޓްސް ކޮމިޝަނަރު ވާންޖެހޭނީ "ރެފްރީ" އަކަށް
މިފުރުސޮތު ބޭނުންކޮށް، ސްޕޯޓްސް ކޮމިޝަނަރު ބޭނުން ވަނީ "ސަރުކާރު ކެންޑިޑޭޓް" އަހްމަދު ތާރިގް ހޮވަން ކަމަށާއި، އެފްއޭއެމުން ބޭނުންވަނީ "ބައްސާމް ކެންޑިޑޭޓް" މުފައްވިޒް ހާޝިމް ހޮވަންކަމަށް ބުނެ، ޝައްކުގެ ނަޒަރަކުން މުޅި މައްސަލައަށް ބަލާ ފުޓުބޯޅަ ސަޕޯޓަރުން ވެސް މިއަދު އެދަނީ ހޭލަމުންނެވެ. އަދަދު ގިނަވަމުންނެވެ.
އިސްލާހަށް އެދޭ ސަޕޯޓަރުން ދެކެނީ އެފްއޭއެމްގެ މުޅި މައްސަލަ ހައްލު ކުރެވޭނީ، ކޮމިޝަނަރު ވެސް ވަކި ކެންޑިޑޭޓެއް ހޮވަން ނޫޅުއްވާ، "ރެފްރީ" އެއްގޮތުގައި ހުންނަވައިގެން ކަމަށެވެ.
އިސްލާހަށް އެދޭ ސަޕޯޓަރުން، ކޮމިޝަނަރު ފަރާތުން އެދެނީ އެފްއޭއެމްގެ މުޅި މައްސަލަ ހައްލުކޮށް ދިނުމަށެވެ. އެއީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާން ކުރާ ބޭއިންސާފު އިލެކްޓޯރަލް ކޮލެޖް އިސްލާހް ކުރުމެވެ. ބައްސާމް ފެކްޝަނަށް ހިންގާ ކޮމިޓީގެ އަގުލަބިއްޔަތު ނެތްކަމަށް ބުނެ އިންތިހާބު ހުއްޓުވުމަކުން ނުފުދެ އެވެ. ބޭނުން ވަނީ މާލޭގެ 18 ކްލަބްގެ ދާއިމީ ސުފަ މެޖޯރިޓީގެ ވަކިތަކުން އެފްއޭއެމް ސަލާމަތްކޮށް، އަތޮޅުތަކުގެ ކްލަބްތަކަށް ވެސް ފުޓުބޯޅަ ރައީސް ހޮވަން ހަމަހަމަ އުސޫލަކުން ވޯޓުލެވޭގޮތަށް ގަވާއިދު އިސްލާހު ކުރުމެވެ. މިކަމަށް އިސްނަގަން އުފައްދާފައި އޮތް މުއައްސަސާތަކީ ކޮމިޝަނަ އޮފް ސްޕޯޓްސް އެވެ. ކުޅިވަރު ކްލަބްތަކުގެ ރަޖިސްޓްރާއެވެ.
މިއީ ސްޕޯޓްސް ކޮމިޝަނަރުގެ ވާޖިބެއްކަމުގައި ފުޓުބޯޅަ ސަޕޯޓަރުން ދެކެއެވެ. އިންސާފު ގާއިމްކޮށް ދިނުމަށް އިސްނަގަން ޖެހޭނީ ސަރުކާރުން ކަމަށް ދެކޭތީ އެވެ. ސަރުކާރަކީ އިންސާފުވެރި އިންތިހާބަކުން ރައްޔިތުން ހޮވާ ބަޔަކަށް ވާތީ އެވެ. ކްލަބްތަކުގެ ކުރިމަތީ ސަރުކާރު ތަމްސީލް ކުރަނީ ސްޕޯޓްސް ކޮމިޝަނަރެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް އިންސާފުވެރިކޮށް އަލުން އެކުލަވާލައިގެން ނޫނީ ހައްދުފަހަނައަޅާފައިވާ ވައްކަމާއި، ކޮރަޕްޝަން ނުހުއްޓުވޭނެ ތީއެވެ.
މިހާރު މިއޮތީ "އިލެކްޓޯރަލް ކޮލެޖް" އިސްލާހު ކުރަން މަޖުބޫރުވާ ހާލަތު އައިސްފި!
އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް އިސްލާ ހުކުރަން މަޖުބޫރުވާ އެތައް ހާލަތެއް މިހާރު މިވަނީ އުފެދިފަ އެވެ. ފުރަތަމަ ކަމަކީ، އަތޮޅުތަކުގެ ކްލަބަތަކުން އިސްނަގައިގެން މިމަސައްކަތް ކުރުމުގެ ދޮރު ހިންގާ ގަވާއިދުން ބަންދުކޮށްފައި އޮތްކަމެވެ. ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއިން، އާ މެމްބަރުން ބައިވެރި ކުރުމުގެ ކޮންޓްރޯލް ދީފައި އޮންނަނީ ހިންގާ ކޮމިޓީއަށެވެ. ހިންގާ ކޮމިޓީގައި ތިބެނީ މާލޭ ކްލަބްތަކުން އިންތިހާބުރާ ބައެކެވެ. އެކޮމިޓީން މިހާތަނަށް މެމްބަރުކަން ދީފައި އޮތީ މާލޭ ކްލަބްތަކަށެވެ. މާލޭގައި ތިބެގެން ނޫނީ ގައުމީ ފެންވަރުގައި ބޯޅައެއް ނުކުޅެވެ އެވެ. ދިރިއުޅެން ޖެހެނީ މާލޭގަ އެވެ. ހުރިހާ ލީގްމެޗް ކުޅެނީ މާލޭގަ އެވެ. ވީމާ ފުޓުބޯޅަ ކުޅެން ބޭނުންވާ ރަށްރަށުގެ ޒުވާނުން ދިރިއުޅުން ބަދަލު ކުރަންޖެހޭނީ މާލެއަށެވެ. މިކަން މިހެން އޮންނަތާ 15 އަހަރުވީ އެވެ. އެއްވެސް ކޮމިޝަނަރަކަށް، މިނިސްޓަރަކަށް މިކަން ބަދަލެއް ނުކުރެވުނެވެ. އިސްލާހެއް ނުކުރެވުނެވެ. ފުޓުބޯޅަ ލާމަރުކަޒެއް ނުކުރެވުނެވެ.
މިހާތަނަށް އެފްއޭއެމުން ހިންގާފައިވާ ގަވާއިދާ ހިލާފް އަމަލުތަކަށް ބަލާއިރު، މިއަދު ކޮމިޝަނަރު ދައްކަވަންވީ ވާހަކައަކީ ހިންގާ ކޮމިޓީގެ މެޖޯރިޓީ އޮތްތޯ ނެތްތޯއެއް ނޫނެވެ. މިއަދު ކޮމިޝަނަރު ދައްކަވަންވީ ވާހަކައަކީ، ހިންގާ ކޮމިޓީ އިންތިހާބުކޮށްފައި އޮތީ ހިންގާ ގަވާއިދާއެއްގޮތަށް ތޯއެވެ؟ މުޅި ހިންގާ ކޮމިޓީގެ ސައްހަކަމާމެދު ސުވާލު އުފެދެ އެވެ. ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި ބުނަނީ ހިންގާ ކޮމިޓީގައި ރީޖަނަލް އެސޯސިއޭޝަން (ޒޯން) ތަމްސީލްކުރާ މެމްބަރަކާ، އިންޓަރެސްޓް ގްރޫޕް ތަމްސީލްކުރާ މެމްބަރެެއް އިންނަންވާނެކަމަށެވެ. ހިންގާ ގަވާއިދުގައި އެކަންކުރަން ޖެހޭނެކަމަށް ބުނެފައި އޮތް ނަމަވެސް ރީޖަނަލް (ޒޯން) އެސޯސިއޭޝަންތައް އުފައްދާފައެއް ނުވެ އެވެ. އިންޓަރެސް ގްރޫޕްތަކަށް އޮތް ނުވަ ވޯޓް ވަނީ 2020 ވަނަ އަހަރުގެ ކޮންގްރެސްގައި ސިއްރުސިއްރުން އުވާލާފަ އެވެ. މިފަދަ ކަންކަމަކީ ސްޕޯޓްސް ކޮމިޝަނަރު ފާރަވެރިވާންޖެހޭ ކަންކަމެވެ. އިސްލާހު ކުރުވަންޖެހޭ ކަންކަމެވެ.
ވީމާ، އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 10ވަނަ މާއްދާގައި ބަޔާންކޮށްފައި އެވާ އިލްކްޓޯރަލް ކޮލެޖް އިސްލާހު ކުރަން އަންގަންޖެހޭނީ ކޮމިޝަނަ އޮފް ސްޕޯޓްސް އެވެ. ފީފާ އިން މިކަމުގެތެރެއަށް ވަންނާނީ މިފަދަ އިސްލާހްތައް ނުގެނެސް އޮތްކަން ފީފާއަށް "ފަޅާއެރުމުން" ނެވެ. މިވަގުތު އެދަނީ މިކަންކަން "ފަޅާއަރަމުން" ނެވެ. ކޮމިޝަނަރު ފީފާ އާއި އޭއެފްސީއާ މަޝްވަރާ ކުރުމުން ތިލަ ވާނީ މިކަންކަމެވެ.
ފީފާއިން ބުނަނީ ކްލަބްތަކުން އިލެކްޓޯރަލް ކޮލެޖް ބަދަލު ކުރަން އެދޭ ނަމަ އެކަން ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ފީފާ އިން އެންޑޯސްކޮށްފައިވާ ގަވާއިދުކަމަށް ބެލެވޭ 7 މޭ 2016 ގެ ހިންގާ ގަވާއިދުން މިކަމަށް ހުރަސް އަޅައެވެ. ވީމާ ފީފާ އަށް ވެސް ޖެހޭނީ ހިންގާ ގަވާއިދާ މެދު ދެ ނަވަ ވިސްނުމަކަށް ދާށެވެ. ކޮމިޝަނަރަށް ޖެހޭނީ ފީފާ އާއި މަޝްވަރާ ކުރާށެވެ. އިންތިހާބުގެ ކުރިން ހިންގާ ގަވާއިދު އިސްލާހު ކުރާށެވެ.
ސަސްޕެންޝަންގެ ބިރު ދެއްކުމަކީ 'ފޭކް" ވާހަކައެއް!
އިސްލާހަށް ތާއީދުކުރާ މީހުން ބުނަނީ، "އިންޓަނޭޝަނަލް ސަސްޕެންޝަންގެ" ބިރު ދެއްކުމަކީ 'ފޭކް ވާހަކައެއް" ކަމަށެވެ. އެއީ އާއްމުންނަށް ހަގީގަތް އޮޅުވާލުން ކަމުގައެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް، ރާއްޖޭގެ ގާނޫނުތަކާއެއްގޮތަށް އިސްލާހު ކުރަން އެންގުމަކީ ކޮމިޝަނަރުގެ ޒިންމާ އެކެވެ. ފީފާގެ ޒިންމާއެއް ނޫނެވެ. ފީފާއިން ބެހޭނީ މިފަދަ އަސާސީ އިސްލާހުތައް ނުގެނެސް، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އެފްއޭއެމް ހިންގާކަން އެފަރާތަށް "ފަޅާއެރުމުން" ނެވެ.
މިކަން ވެސް އެދަނީ ބާރު ސްޕީޑްގައި ހިނގަމުން ނެވެ. މަނީލޯންޑަރިންގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަނީ އެވެ. ކޯޓް ހުކުމްތަކުން އަދަދު ކުރެވޭ 22 މިލިއަންގެ ދަރަނި އެބައޮތެވެ. މާލިއްޔަތު ކޮމިޓީން އެފްއޭއެމް އޯޑީޓްލިސްޓަށް ލައިފި އެވެ. މުބާރާތްތައް ހުއްޓި، އެއް ވަނަ ޑިވިޒަންގެ ދެ ކްލަބް ލީގް ދޫކޮށްލައިފި އެވެ. ޒޯން ކޮލިފިކޭޝަން އެވަނީ ހުއްޓިފަ އެވެ. ސީޒަން ވެސް ނިމުނީ އެވެ. ދެން ކޮން ފީފާ ސަސްޕެންޝަނެއްގެ ވާހަކައެއްތޯ އެވެ!
ވީމާ ހިންގާ ގަވާއިދު އިންސާފުވެރި ކުރަން އެފްއޭއެމަށް އެންގުމަކީ، ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުމެއް ނޫނެވެ. ވީމާ ކޮމިޝަނަރު ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ. ރާއްޖޭގެ ޒޯންތަކަށް ބެހިފައިވާ ކްލަބަތަކަށް ވޯޓުލުމުގެ ހައްގު ލިބޭގޮތަށް ހިންގާ ގަވާއިދު އިސްލާހް ކުރުމަށް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރުމަކީ، ކޮމިޝަނަރުގެ ގާނޫނީ ވާޖިބެކެވެ. ވީމާ މިފަދަ އެންގުމެއް ވާނީ ގާނޫނު ތަންފީޒު ކުރުމުގެ އަމަލަކަށެވެ. ފީފާ އަކީ އެކަމަށް ހުރަސް އަޅާނެ ފަރާތަކަށް ނުވާނެ އެވެ. ފީފާއިން ވެސް މިފަދަ ކަންކަމަށް ކުރާނީ ތާއީދެވެ.
ކޮންމެއަކަސް، އެންމެ ރަނގަޅުތާއެވެ! މިވީ ވަރަށް ބޮޑުވަރެވެ. އެއީ ސަރުކާރަށް ނުބެހެވޭނެކަމަށް ފޮނި ދައްކާ މާލޭ ކްލަބްތަކުގެ ކާޓެލް އާއި ސަރުކާރުން ބެހި މިހާރު އެ ވަނީ އިންތިހާބު ހުއްޓާލަން އަންގާފައި ވިއްޔާ އެވެ. އިންތިހާބު ހުއްޓުވުން ރަނގަޅެވެ. އެހެން ނަމަވެސް އިންތިހާބު ހުއްޓުވަން ކޮމިޝަނަރު ބޭނުން ކުރެއްވި ހުއްޖަތާމެދު ދެ ވަނަ ވިސްނުމަކަށް ދާންޖެހެ އެވެ. އަދި ފީފާ އާއި އޭއެފްސީ އާ މަޝްވަރާ ކުރުމަށް ފަހު ނޫނީ އިންތިހާބު ކުރިއަށް ނުގެންދިއުމަށް ކޮމިޝަނަރު ނިންމެވި ނިންމެވުމަށް މަރުހަބާކިޔަމެވެ.
ސަރުކާރު ފަޅި ވެސް، އެފްއޭއެމް ފަޅިން ވެސް ބޭނުން ވަނީ އެއްކަމެއް!
ސަރުކާރު ފަޅިން ވެސް އަދި އެފްއޭއެމް ފަޅިން ވެސް ބޭނުން ވަނީ އެންމެ ކަމަކެވެ. އެއީ އެފްއޭއެމްގެ ކޮންޓްރޯލް ނެގުމެވެ. އެފްއޭއެމް އިސްލާހް ކުރުމަކީ ދެ ގްރޫޕުން ކުރެ ގްރޫޕެއްގެ ފިކުރުގައި އަދި ނެތްކަމެކެވެ. ތަސައްވުރެއް، މެނިފެސްޓޯ އެއްވެސް ނެތެވެ.
އިންތިހާބު ބާއްވަންޖެހޭ ސަބަބު ސާފުކޮށްދޭން ކޮމިޝަނަރު އެދިވަޑައިގެންނެވި ނަމަވެސް އެފްއޭއެމަކަށް ވެސް އެކަން ސާފުކޮށްދެވޭކަށް ނެތެވެ. ހަގީގަތް އޮޅުން ފިލުވާކަށް ކޮމިޝަނަރު ވެސް އުޅުއްވާ ތަނެއް ނުފެނެއެވެ. ކޮމިޝަނަރު އުޅުއްވަނީ ތިން މެމްބަރެއްގެ ތާއީދުނެތްކަމަށް ބައްސާމް ފެކްޝަނުން ކުރާ ތުހުމަތުތައް ތަހުގީގުކޮށް، ވެލެންސިއާ ދެ ކެންޑިޑޭޓަށް ތާއީދު ކުރި ކުރުމާ ހަވާލާދީ އެކްސްކޯގެ މެޖޯރިޓީ ނެތި ކޮންގްރެސްއަކަށް ނުގޮވެނޭކަން ދައްކާށެވެ. މިކަން އެންމެނަށް ވެސް އެނގެ އެވެ. ނޭނގޭ ކަމަކީ ވަކި ކެންޑިޑޭޓަކަށް ކޮމިޝަނަރު ތާއީދު ކުރައްވަނީ ކީއްވެކަމެވެ؟
އެފްއޭއެމްގެ އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމުން ކޯރަމް ގެއްލެ އެވެ. މިހާރު މިއެނގެނީ ކޯރަމް ނުވެސް ނެތްކަމެވެ. ވީމާ މިހާރު މިވީގޮތަކީ މާލޭގެ ކްލަބް ކާޓެލް ދެފަޅިވެ، ސަރުކާރު ފަޅިއަކާ ބައްސާމް ފަޅިފަޅިއަކަށް އުފެދުމުގައި ވެސް ބޭއިންސާފު އިލެކްޓޯރަލް ކޮލެޖް ބެހުމެވެ. ބައްސާމްފަޅިން "ހަނގުރާމަ ކުރަނީ" އަމިއްލެއަށް ކޮންގްރެސްއެއް ބޭވުމަށް ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެހްން ނަމަވެސް ހިންގާ ގަވާއިދުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގައިި ބުނަނީ މިފަދަގޮތަކަށް ކޮންގްރެސްއެއް ބާއްވަން ޖެހިއްޖެ ނަމަ ފީފާ އާއި އޭއެފްސީގެ އެހީތެރިކަން ހޯދަން ވާނެކަމަށެވެ. ބައްސާމް ފެކްޝަނަކަށް މިފަދަ އެހީތެރިކަމެއް ނުލިބޭނެކަން އެނގޭނެ އެވެ. ވީމާ ބައްސާމް ފެކްޝަނަށް މަގުބަންދުވީ އެވެ. ދެން އޮތީ ވެލެންސިއާ ބޭނުން ކޮށްގެން ދެ ކެންޑިޑޭޓަށް ތާއީދު ކުރި މައްސަލައިގައި ކަރަޕްޝަން ފައިސާ ދިންތޯ ތަހްގީގްކޮށް ބައްސާމް ފަހާ ދުވުމެވެ. އިސްލާހުގެ ވާހަކައެއް، އިޖްތިމާއީ އިންސާފުގެ ވާހަކައެއް ނެތެވެ!
ވީމާ މިވަގުތަށް ކޮމިޝަނަރު ގަދަވީ އެވެ. އެހެން ނަމަވެސް ކޮމިޝަނަރު ފީފާ އާއި އޭއެފްސީގެ ރައުޔު ހޯއްދަވާ ނިމޭއިރު ކަންކަން އެނބުރޭނެ ގޮތް އަދި އޮތީ ވާނުވާގަ އެވެ. މިހާރު ކަންކަން ހިނގާ ސްޕީޑް ދަށްވެފައި މިއޮތީ ކްރިސްމަސް އާއި ނިއު އިޔާ ބްރޭކްގެސަބަބުން ފީފާ އެޑްމިނިސްޓްރޭޝަނަށް ޗުއްޓީއެއްގައި ވާތީ ކަމަށް ވީނަމަވެސް، ކަންކަން ހަލުވިކޮށް ހިނގާކަމަށް ހަބަރު ލިބެއެވެ.
އެންމެ ފަހުން މިވީ ކިހިނެއް؟
ބައްސާމްގެ ފެކްޝަނުން. ގޮތްދޫނުކޮށް ކޮންގްރެސް ކުރިއަށްގެންދަންޖެހެނީ ފީފާ އާއި އޭއެފްސީގެ އެހީގައި ކަމަށްވާތީވެ، ލަފާކުރެވެނީ ބައްސާމްއަށް ޖެހިވޑައިގަންނަވާނީ އެންމެ ފަހުން ގޮތް ދޫކުރާށެވެ. ސަރުކާރު ފަޅިން ތާރިގް ހޮވަން އުޅުން ވެސް، އެކަން ވެސް ޖެހޭނީ ހުއްޓާލަން ކަމަށް ލަފާކުރެވެ އެވެ. މިހެން މިދެންނެވީ ކޮމިޝަނަރު ވިދާޅުވެފައި އޮތްގޮތަށް ފީފާ އާއި އޭއެފްސީ އާ މަޝްވަރާ ކުރުމުން ނިކުންނާނެ ނަތީޖާއެއް އަދި ޔަގީންނުވާތީއެވެ.
.
ޒޯން ކްލަބަބްތަކުން ގައުމީ ފެންވަރުގައި ފުޓުބޯޅައިގައި ވާދަކުރަން އެދޭ ނަމަ، އިޖްތިމާއީ އިންސާފަށް އެދި، އަޑު އުފުލާ ބަޔާންތައް ފީފާއަށް ފޯރުކޮށް ދިނުމުގެ ފުރުސަތު މިއަދު މިއޮތީ ތަންމިނަށް ހުޅުވިފަ އެވެ. އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާޙްކޮށް، ކޮންމެ ޒޯނަކަށް ހަ ކްލަބްގެ ޖާގަ ދީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް ބަދަލު ކުރުމަށް ކޮމިޝަނަރަށާއި، ފީފާއަށް ގޮވާލުމުގެ ވަގުތު މިއޮތީ އަރާހަމަކޮށްފަ އެވެ.
ދެން ހަދަންވީ ކިހިނެތް؟
މާލެ އަކީ ޒޯން ނުވައެއް ކަމުގައި ހަމަޖައްސަން ޖެހެއެވެ. އަނެއް އަށް ޒޯނަށް، ކޮންމެ ޒޯނަކަށް ހަ ކްލަބްގެ ކޯޓާއެއް، މެރިޓުން ހުޅުވާލަން ޖެހެ އެވެ. ޒޯން ނުވައެއް ގައި އޮތް 18 ކްލަބަށް 26 ވޯޓް، މިހާރު ވެސް އޮތްގޮތަށް ބާއްވަން ރަނގަޅު ކަމަކަށް ވެދާނެ އެވެ. ޒޯންތަކަށް ލިބޭ 48 ވޯޓާއެކު 65 އިންސައްތަ މެޖޯރިޓީ ޒޯންތަކަށް ލިބޭނެ އެވެ. މާލެޒޯނަށް 45 އިންސައްތަ ވޯޓަށް ތިރި ކުރުން ތާރީހީގޮތުން މިވަގުތު ރަނގަޅު ނިސްބަތަކަށް ވެދާނެ އެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް މިގޮތަށް އިސްލާހު ކުރެވުމުން، ދެން ބައްސާމް ފަދަ ރައީސަކަށް އެފްއޭއެމަކަށް ނާދެވޭނެ އެވެ. ދެން އެފްއޭއެމަށް އާދެވޭނީ ޒޯންތަކަށް އެއް ވަނަ ޑިވިޒަން ލާމަރުކަޒުކުރާނެ ރައީސެކެވެ. މިހާރު މިއޮތް 24 މިލއަންގެ ކްލަބް ފައިނޭންސިން ބަޖެޓް ޒޯން ކްލަބްތަކަށް މެރިޓުން ބަހާލާ، ހޯމް އެންޑް އަވޭ ލީގެއް ގާއިމް ކުރާނެ ރައީސަކަށެވެ. ދެން އަންނާނީ އިންޑިއާ ބަލިކޮށް ސަރަހައްދުގެ ޗެމްޕިޔަންކަމަށް ދައުވާ ކުރާނެ ރައީސެކެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.