ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ހައުސިން ފައިނޭންސް ލޯނުތަކަށް މަހުން މަހަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަހަށް ފަސްކޮށްފައިވާ ކަމަށެވެ.
"މިއީ ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން" ނިންމި ނިންމުމެއް ކަމަށް އެޗްޑީއެފްސީން ބުނެ އެވެ.
އެގޮތުން ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށްފައި ވަނީ މާޗް 1 އިން ފެށިގެން 31 އޯގަސްޓްއާ ހަމައަށެވެ. ލޯނުތައް ދެއްކުން ފަސްކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.
އެޗްޑީއެފްސީން ބުނީ އިތުރު މައުލޫމާތު ބޭނުންވާ ނަމަ ގުޅަން ޖެހޭނީ 3000112 އަދި 3334666 ކަމަށެވެ.