މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އަލީ ޒާހިރު ވިދާޅުވީ ވ.ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކުރައްވާކަމަށެވެ.
"ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރަމެވެ. ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދެމެވެ." އަލީ ޒާހިރު ވިދާޅުވިއެވެ.
ފެލިދޫ ދާއިރާގައި ތިން ރަށެއް ހިމެނެއެވެ. އެއީ ވ. ފެލިދޫ، ވ.ފުލިދޫ އަދި ވ. ތިނަދޫއެވެ.
އަލީ ޒާހިރަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ އަރިސް އަދި އެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅެވެ.
އަލީ ޒާހިރު ވަނީ ޝަރުއީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.