ads
ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދޭން އެޗްޕީއޭއިން އިލްތިމާސް ކޮށްފި
ވާރޭ ވެހުމާ ގުޅިގެން ހެދޭ ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަގުތަކުގައި ފެންބޮޑުވަމުންދާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ، ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރު ކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށާއި، ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފިނަމަ އެތަކެތި އުކާލުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ، ޖާންކްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބަންޑުންވެފައި ވާނަމަ ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓްގެ އެހީތެރިކަން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ ލަފާ ދީފައެވެ.

އެޗްޕީއޭއިން ވަނީ ފެންހިންދުމުގަޔާއި، ފެންހިންދުމަށްފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު އަންގިއާއި މާސްކް ފަދަ ތަކެތި ބޭނުންކުރުމަށާއި، މަސައްކަތް ނިމުނުން އެތަކެތި ކޮތަޅެއްގައި ބަންދުކޮށް ރައްކާތެރިކަމާއެކު އުކާލުމަށް އެދިފައެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދިނުމަށާއި، ސާފުކުރުމުގެ މަސައްކަތުގައި ލައިގެން ހުންނަ އަންނައުނު އެހެން އަންނައުނުތަކާއި ވަކިން ދޮވުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް