މި ފެށުނު އާ އަހަރުގައި ކުރުމަށް ކަނޑައެޅިދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރުގައި ކުރެވުނު ކުށްތަކަށް ތައުބާވެ އަލުން އާ ފެށުމަކުން ފެށަން ކަނޑައަޅައި އެގޮތަށް އަމަލު ކުރުމަކީ ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ކުރުމަށް އަޒުމް ކަނޑައަޅައި އެގޮތަށް އަމަލު ކުރަން ފެށުމަކީ ތިމާގެ ހަޔާތައް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމެކެވެ.
އަހަރުމެންގެ ދުވަސްތައް އާންމު ގޮތެއްގައި މި ހޭދަވަނީ މަސައްކަތުގައެވެ. މިހެން ވުމުގެ ސަބަބުން އާއިލާ އަށް ދޭންޖެހޭ ވަގުތު އޮންނަނީ ނުދެވިފައެވެ. ވުމާއެކު މި ފެށުނު އާ އަހަރުގައި ހަފްތާގެ އެއް ދުވަސް ނަމަވެސް އާއިލާ އަށް އެކަނި ހުސްކުރަން ފަށަމާ ހެއްޔެވެ؟ އާއިލީ ގިނަ މައްސަލަތައް ޖެހުމަށް ދިމާވާ މައިގަނޑު އެއް ސަބަބު ކަމުގައި އާއިލާ އަށް ވަގުތު ނުދިނުން ވެފައިވާ އިރު އާއިލީ ގިނަ މައްސަލަތަކުގެ ހައްލަކަށް މިކަން ވެގެންދާނެ އެވެ.
ބަވަނަ ވަމުން މިދާ ދުނިޔޭގައި ސިނގިރޭޓް ބުއިމާއި ވޭޕް ކުރުމަކީ ދިވެހިންގެ ތެރޭގައި ނުހަނު އާންމު ކަމަކަށް މިއަދު މިވަނީ ވެފަ އެވެ. މި ދެކަމަކީ ވެސް މީގެ ސަބަބުން މީގެ ބޭނުން ކުރާ މީހާގެ އަމިއްލަ ހަށިގަނޑުގެ އިތުރުން ވަށައިގެންވާ މީހުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބޭ ކަންކަމެވެ. ވުމާއެކު މިފެށުނު އާ އަހަރުގެ މުނާސަބަތާއި އެކުގައި މިދެ ކަންތައް ހުއްޓާލަމާތޯ އެވެ.
އަހަރުމެން ދިވެހިންގެ ތެރޭގައި ލުއި ކާނާ ކެއުން އަދި ލުއި ބުއިންތައް ބުއިމަކީ ވަރަށް ވެސް އާންމުކަމެކެވެ. މިކަމަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ކަމެކެވެ. ވުމާއެކު މިފެށުނު އާ އަހަރުގައި ކެއުމުގައި ސިއްހަތައް ފައިދާ ހުރި ކާނާ އިހްތާރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ހަމަ އެހެންމެ ރާއްޖެ ފަދަ ހޫނު ގައުމެއްގައި ދިރިއުޅޭތީ ގިނައިން ފެން ބުއިމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
މިފެށުނު 2024 ވަނަ އަހަރުގައި އަހަރުމެން އެންމެންވެސް ކުރިން ހުރި ނުރަނގަޅު އާދަކާދަތައް ދޫކޮށްލައި އަލުން އާ ފެށުމަކުން ފަށަން އަޒުމު ކަނޑައަޅަމާ ހިނގާށެވެ. ދިވެހިންގެ ތެރޭގައި ކުރިން އޮތް އެކުވެރިކަމާއި އަހްވަންތަކަށް އާލާ ކުރުމަށް އިތުރު ހިތްވަރެއް ލުމަކީ ކޮންމެހެން ބޭނުންކަމެއްގެ ގޮތުގައި ދެކެމާ ހިނގާށެވެ.
ދިރިއުޅުމުގައި ތަފާތު ތަޖުރިބާތައް މިދިޔަ އަހަރުތެރޭގައި ވެސް ކުރެވޭނެ އެވެ. ބައެއ ތަޖުރިބާތަކަކީ އެކަން ތަކުރާރުވާން ބޭނުންނުވާކަންކަމަށް ވެދާނެ އެވެ. އެ ފަދަ ތަޖުރިބާއެއް ކުރެވިފައިވާ ނަމަ އެކަމުން ދުރުހެލިވާން އަޒަމު ކަނޑަ އެޅުމަށް މިއަދު ނިންމާށެވެ. އެކުވެރިންނަކީ މީހާގެ ދިރިއުޅުމުގައި ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ބައެއް ކަމަށް ބުނާއިރު ރަނގަޅު އަހްލާގެއްގެ ވެރިއަކަށްވުމަށް ބޭނުން ނަމަ ރަނގަޅު އެކުވެރިން ހޯދުމުގެ އަޒުމުވެސް ކަނޑައަޅައި އަމަލީގޮތުން އެކަން ދެއްކުމަކީ ތިމާ އަކީ ރަނގަޅު މީހަކަށްވުމަށް ކުރާ އުއްމީދު ހަގީގަތަކަށް ހެދުމަށް މުހިންމު ކަމެއް ކަމުގައި ދެކިގެން ނޫނީ ނުވާނެ އެވެ.
ތިމާ ވަށައިގެންވާ މާހައުލަކީ ތަހުޒީބު އަހުލާގު ހެޔޮ މާއަހުލަކަށް ހެދުމަކީ މާދަމައަށް ކުރާ އުއްމީދުތައް ހާސިލް ކުރުމަށް އޮތް އެންމެ ފަސޭހަ އެއް މަގު ކަމުގައި ހަދައިގެން ނޫނީ ބޭނުންވާ މަންޒިލް ނުލިބިދާނެ އެވެ. އެދޭ މަންޒިލް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ މީހަކަށް އެ އެދޭ މަންޒިލް ލިބުމުގެ ފުރުސަތު އޮންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވާއިރު އެމަގުން ހިނގުމުގެ ހިއްވަރު ހޯދަން ޖެހެ އެވެ. އެހެން ނޫން ނަމަ މި ފެށު އާ އަހަރު ވެސް ނިމިދާއިރު ތިމާ ބޭނުންވާ މަންޒިލް ހާސިލުނުވެ ހިނގައިދާނެ އެވެ. އެހެން ވެއްޖެނަމަ މި ފެށުނު އާ އަހަރުވެސް ނިމިދާނީ އެދޭ މަންޒިލް ހާސިލު ނުކުރެވިގެންނެވެ. ތިމާ އަކީ އެހާ ހިއްވަރު ދެރަ މީހަކަށްވެގެން އެދޭ މަންޒިލް ހާސިލެއްނުވާނެ އެވެ. ތިމާއަކީ ހިއްވަރާއި އަޒުމު ވަރުގަދަ ނަމޫނާ މީހަކަށްވުމުގެ އާ އަޒުމެއް މިއަދު ކަނޑައަޅަމާ ހިނގާށެވެ. އެއީ މާދަމާގެ ހިތްހަމަޖެހުމާއި އުފަލަށްޓަކަ އެވެ.