އާ އަހަރުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި ހިތާބުގައ ދިވެހިން ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެންނުވާނެކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުން ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ދިވެހިން ވެސް ބޭނުންވާކަން ހިމެނޭކަން ހާމަ ކުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ހިތާބުގައި އިތުރަށް ވިދާޅުވި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވާކަމަށާއި އުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވެފައިވާކަމަށެވެ.
ދިވެހީންގެ މި ނިންމުންތައް ހަގީގަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައިފައިވާ ކަމަށާއި އެ ސަރުކާރާ މި އަމާނާތް ހަވާލުކުރެވިފައިވާކަމަށް އެ ހިތާބުގައި ރައީސް ފަހަގަ ކުރެއްވިއެވެ.
އެ ހިތާބުގައި ރައީސް އިތުރަށް ވިދާޅުވިގޮތުގައި ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއްކަމުގައެވެ. ސަބަބަކީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް ފުއްދަމުންދާ ދުވަސްތަކަށް ވުމުން ކަމަށް އެ ހިތާބުގައި ފަހަގަ ކުރަށްވާފައިވެއެވެ.