ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި ޕަބްލިކް ޕޮލިސީ، ސެކެރެޓަރީ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރުން މިހާރަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާއަށް ހާއްސަ ރެކްރޫޓްމަންޓް ޕްރޮސެސްއެއްްގެ ތެރެއިން ވަޒީފާ ހަމަޖެއްސައިދޭން ނިންމާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ޕޮލިސީ، ސެކެރެޓަރީ ނާޒިމް އިތުރަށް ވިދާޅުވީ ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް އަށް ގަޑި އިރަށްވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލާނެކަމަށާއި އެ ފަދަ މީހުންނަށް މަސައްކަތް ކުރާ ވަގުތަށް ބަލާފައި އުޖޫރައެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އުމުރުން 55 އަހަރުވެގައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަކީ ސިއްހީ ގޮތުން، ތައުލީމީ ގޮތުން، ފަންނީ ގޮތުން އަދި ހުނަރުގެ ގޮތުން ގާބިލް މީހުންނަށް ވާނަމަ ކޮންޓުރެކްޓު އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިހާރު ނިންމާފައިވާގޮތުން ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ވެސް މި ފުރުސަތު ހުޅުވާލާނެ. މިކަންކަން ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ހެލްތް މިނިސްޓްރީން ދަނީ ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.