ރައީސް ޑރ. މުއިއްޒު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން ދޫކުރި، ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލު ކުރުމުގެ މަސައްކަތް، އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
އެގޮތުން މި ހަފްތާ އާއި މި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރާން ކަމަށް ރައީީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ އަދި ނުހިއްކާ ހުރި ތަންތަން ކަމަށް ވުމާއެކު، އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާ ކަމަށެވެ.
މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ސަރަހައްދެއް ހިއްކުމަށް ތައްޔާރު ވަމުންދާކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު، ކ. ފުށިދިއްގަރުފަޅުގައި "ރަސްމާލެ" ގެ ނަމުގައި ސިޓީއެއް ތަރައްގީ ކުރުމަށްޓަކައި މިހާރު ވަނީ އެ ފަޅު ހިއްކުމުގެ މަސައްކަތް ފަށާފަ އެއެވެ.
ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ހައުސިން މިނިސްޓްރީން ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް
އަންނަ ހަފުތާގައި ދޫކުރަން ފަށާ ގޯއްޗާއި ފްލެޓްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ތައާރަފްކުރި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ ތަންތަނެވެ. މި ސްކީމްގެ ދަށުން ހުޅުމާލެ ދޭއް އާއި ހުޅުމާލެ ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. އަދި ގޯތި ލިބިފައިވާ ބައެއް މީހުންނަށް ރަޖިސްޓްރީ ދޫކޮށްފައިވެސް ވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. މި ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިބި ކަމަށް އޭރު އިއުލާނު ކުރި އެވެ. ފްލެޓު ދިން ގޮތާއި މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައި ވެއެވެ. މިހެން ވުމުގެ ސަބަބުން ފްލެޓު ދޫކުރުމުގެ ކަންކަން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ. އެ މައްސަލަ ބަލައި ނިންމުން ދިގުލައިގެންދާ ކަމަށް ބުނެ އޭސީސީއަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މާލޭގައި ދާއިމީގޮތެއްގައި ނޫޅޭ އެތައް ސަތޭކަ ބަޔަކަށް ވަނީ ފްލެޓް ދީފަ އެވެ. އޮޅުވާލައިގެން ލިޔުން ތައްޔާރުކޮށް ހުށަހަޅާފައިވާކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.