ކެބިނެޓުގެ ނިންމުންތައް ނޫސްވެރިންނާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ޕަބްލިކް ޕޮލިސީ، ސެކްރެޓްރީ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ގޮތުގައި ޓެކްސީ ޑުރައިވަރުންނާއި މަސްވެރިން ފަދަ ބައެއް ކަންކަމަކީ އެ މީހުންގެ ދާއިމީ ގޮތެއްގައި ރަސްމީ ގޮތެއްގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ދަރަޖަ މިހާތަނަށް ލިބިފައި ނުވާކަމަށާއި މިކަމުގެ ސަބަބުން އެ އެ ފަރާތްތަކަށް ބޭނުންވާ ވަރަށް މުހިންމު އަދި ޒަރޫރީ ބޭނުން ތަކަށް ހުރަސް އެޅިފައިވާކަމަށެވެ.
ޓެކްސީ ޑުރައިވަރުންނަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބަޔެއް ކަމަށް ހެދުމަށް އެ ބޭފުޅުން ދަފްތަރެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ހެދުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ޑިޖިޓަލް ޕޭމަންޓު ނިޒާމާ ގާއިމް ކުރުމަށާއި ބޭންކްތަކާއި ވާހަކަ ދައްކައިގެން މިފަދަ ނިޒާމްތަކަށް ނެގޭ ފީ ކަނޑާލުމަށް ވާހަކަ ދައްކާފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ތަރައްގީވެފައިވާ ގައުމުތަކުގައި ޓެކްސީ ނިޒާމު އޮންނަ ގޮތަށް ރާއްޖޭގައި މި ނިޒާމު ތަރައްގީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަންޖެހޭކަންކަން ކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރަސްމާލެއަކީ އިކޯ ސިޓީ އަކަށް ހަދަން ނިންމާފައިވާ އިރު މި ސިޓީގައި ދުއްވާ ޓެކްސީ އަކީ ތިމާވެއްޓާއި ރައްޓެހި ޓެކްސީތަކެއް ކަން ޔަގީން ކުރުމަށް ޓްރާސްޕޯޓުން ކުރަން ޖެހޭ ކަންކަން ކުރަމަށް ނިންމާފައިވާކަމަށެވެ. މިކަމަށް އިންވެސްޓު ކުރާނީ ދިވެހިރާއްޖޭގެ ކުންފުންޏަކުން ނުވަތަ ކުންފުނިތަކަކުންކަމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ.