ads
ދަރުމަވަންތަ ހޮސްޕިޓަލާއި ސީ އެމްބިއުލެންސް ހަވާލުކޮށްފި
ވިލިމާލޭ އާއި މާލެ އާ މެދު ބޭނުން ކުރަމުންދާ ސީ އެމްބިއުލާންސް ދަރުމަވަންތަ ހޮސްޕިޓަލާ ހަވާލުކޮށްފި އެވެ
Advertisement

ވިލިމާލޭ އާއި މާލެ އާ މެދު ބޭނުން ކުރަމުންދާ ސީ އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލް އާއި ސީ އެމްބިއުލެންސް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމްއެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލް ގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމް ވިދާޅުވީ މިއަދަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. ސަބަބަކީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ވާސިލްވެވޭނެ ގޮތަށް ސީ އެމްބިއުލެންސްގެ ހިދުމަތް ތައާރަފު ކުރެވިގެންދާތީ ކަމަށެވެ. 

ސީ އެމްބިއުލެންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނރުގައި ކަމަށާއި މި ސީ އެމްބިއުލެންސް އޮންނާނީ އައިޖީއެމްއެޗް އަދި ވިލިމާލޭ ހޮސްޕިޓަލްގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުސިލުން މި އެމްބިއުލެންސް ވިލިމާލޭ ފަޅުގައި ބާއްވަން ހަމަޖައްސައިދީފައި ވާތީ އޭނާ ވަނީ އެ ކައުންސިލަށް ވެސް ޝުކުރު އަދާކުރައްވާފައިއެވެ. 

ވިލިމާލޭ ހޮސްޕިޓަލުން ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހިދުމަތްތައް ފޯރުކޮށްނުދެވޭތީ ސަރުކާރުން ދަނީ މިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ވިލިމާލޭގެ ސިއްހީ ހިދުމަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިކަމަށްޓަކާއި ވިލިމާލޭ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައި ވާކަމަށާއި މި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާ އިރު މާލެއިން ހޯދަން ޖެހޭ ހިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސީ އެމްބިއުލެންސްގެ ހިދުމަތް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީ އެމްބިއުލާންސް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް ވިދާޅުވީ އެމަޖެންސީގައި އުފުލަން ޖެހޭ މީހުން އުފުލުމުގައި ދިމާވެފައިވާ އޮތް ދަތިކަން ހައްލު ކުރުމަށް ވަރަށް ބޮޑަަށް  މަގު ފަހިވެގެންދާނެ ކަމަށެވެ.

"މިހާރު ބަލި މީހުން އުފުލުމަށް ބޭނުން ކުރާ ލޯންޗް އެމްބިއުލެންސަށް ވުރެން މި ސީ އެމްބިއުލެންސުން ލިބިގެންދާ ހިދުމަތްތައް މާ ފެންވަރު ރަނގަޅުވާނެ. މި ސަރުކާރުގެ އަމާޒަކީ މިއަދު ދެވޭ ހިދުމަތްތަކުގެ ފެންވަރު ކުރިޔަށް އޮތް ތަނުގައި އަދި އިތުރަށް ތަރައްގީކޮށް ރައްޔިތުންނައް ފަސޭހައިން ސިއްހީ ހިދުމަތް ހޯދުމުގެ މަގު ތަނަވަސްކޮށް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސީ އެމްބިއުލާންސްގެ ކަންކަން ފުރިހަމައަށް ކުރިޔަށް ގެންދިއުމަށް އެހީތެރިކަން ދެއްވި ހުރިހާ ފަރާތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް