ads
ވިލިމާލޭގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ސާވޭއެއް ހަދައިފި
ވިލިމާލޭގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ސާވޭއެއް ހެދުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދެނަގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް، ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ވިލިމާލެއަށް ފޯރުކޮށްދިނުމަށް، ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި ސާރވޭއެއް ހެދުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެންނެވެ.

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ ފަހުމުނާއެއްގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމެންޓް އެންޑް އެނާޖީއާއި ސްޓެލްކޯއާ ދެމެދު މިދިޔަ މަހުގެ 23 ގައި ވަނީ ސޮއިކޮށްފައެވެ. 

މި ފަހުމުނާމާގެ މަގްސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި ދިރާސާކުރުމެވެ.

އެގޮތުން ކުރިއަށްއޮތް 20 އަހަރު ދުވަހަށް ކަރަންޓުގެ ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުން ހިމެނެއެވެ. އަދި ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވާލައި، އެކަން ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ކުރުން ވެސް އެ ފަހުމުނާމާގައި ހިމެނެއެވެ.

މީގެއިތުރުން މި މަސައްކަތުގައި ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާގެ ހާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއްކޮށް، އެ ދިރާސާގެ އަލީގައި އިންފްރާންސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުން ހިމެނެއެވެ. އަދި އިންފްރާންސްޓްރަކްޗާގެ މަރާމާތާއި އަޕްގްރޭޑަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދު ކަނޑައަޅައި އެކަމަށް މަޝްރޫއެއް އެކުލަވާލައި، އެ މަޝްރޫޢު ތަންފީޒުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ސްޓެލްކޯއިން އެންވާރަމެންޓް މިނިސްޓްރީއަށް ހުށަހަޅާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް