މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ "ރެސްކިޔު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައ،ި ކުރިއަށް ގެންދަން ރާވާފައިވާ ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވަރުން ތަމްރީނު ކުރާ ޕްރޮގުރާމް ހިންގުމަށް ފަރާތްތަކުން މި މަހުގެ ނުވަ ވަނަ ދުވަހު 11:00 އަށް ފިޝަރީޒް މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
އެކަމާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ މިއަދު 11 ޖަހާއިރު ފިޝަރީޒް މިނިސްޓްރީގަ އެވެ.
.ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓެރީ އަބްދުﷲ ނާޒިމް އިބްރާހީމް ކުރިން ވިދާޅުވެފައިވަނީ މަސް ދޯނި ތަކުގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފަސް އަހަރަށް ބަހާލައިގެންކަމުގައެވެ.
ރައީސް މިގޮތަށް ނިންމަވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުށައަޅާފައިވަނީ ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރުން ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއް ފަޅުވެރިޔަކު ބެހެއްޓުމަށް މަސް ދޯނިފަހަރަށް އަމާޒުކޮށް ޑައިވިން ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ.