ads
"ފުށިދިއްގަރުފަޅު ހިއްކާ ކުންފުނިން 10 ބިލިއަން ރުފިޔާ ހަރަދުކުރާނެ"
ފުށިދިއްގަރުފަަޅު ހިއްކުމުގެ މަސައްކަތް ކުރާ ކުނފުނިން އެ މަޝްރޫއަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއަށް ހިނގާނެ ހަރަދާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ތަރައްގީ ކުރުމުގެ މަޝްރޫއަށް، އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންއަންނަ ލަންކާގެ ސީއެމްސީސީން 10.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. ޑޮލަރުން ބަލާނަމަ އެއީ 700 މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް ތިލަކޮށް، ފުން މިނުގައި އެއް މީޓަރު ހުންނަ ތަނަކަށް ވިސްނިކަމުގައި ވިއަސް މަދުވެގެން 500 މިލިއަނާއި 700 މިލިއަނާއި ދެމެދުގެ އަދަދަކަށް ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފުށިދިއްގަރުފަޅުގެ ފުންމިނާއި ވެލި ބޭނުންވާ މިންވަރަށް ބަލާއިރު، ކޮންޓްރެކްޓަރު އެ މަޝްރޫއަށް ކުރަން ޖެހޭ ހަރަދު އިތުރަށް ބޮޑު ވާނެ ކަމަށް މިނިސްޓަރު ލަފާ ކުރައްވައެވެ.

"އެއީކީ ކުޑަ ހަރަދެއް ނޫން، ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ފައިސާއިން އަގުނެގުމަކާނުލާ ސީއެމްސީސީން ފުށިދިއްގަރުފަޅުން 1093 ހެކްޓަރު ބިން ހިއްކަނީ، ބަދަލުގައި 70 ހެކްޓަރު ބިން އެކުންފުންޏަށް ދޭ ގޮތަށެވެ. އޭގެތެރޭގައި ހިމެނެނީ، ރަސްމާލެއިން 60 ހެކްޓަރު ބިމާއި ހުޅުމާލެއިން 10 ހެކްޓަރު ބިމެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ހަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.


ފުށިދިއްގަރުފަޅު ހިއްކާ އެތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސްގެ ވައުދެކެވެ. އެގޮތުން ގުޅީފަޅު، ގިރާވަރު އަދި ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަހައްދުން އެކަނި 65،000 ގެދޮރު ގާއިމުކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނެނީ ފުށިދިއްގަރުފަޅު ހިއްކައި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް